05 Sep 2012, 16:48
ލާމަރުކަޒީ ގާނޫނުގެ ދަށުން އަދާކުރަން ޖެހޭ ޒިންމާތައް އަދާ ކުރުމަށް ސަރުކާރާ ގުޅިގެން ކުރިއަށްގެންދަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް މަލޭސިޓީ ކައުންސިލުން ބުނެފި އެވެ.
އެކައުންސިލުން މިއަދު ނެރެފައިވާ ގަރާރެއްގައި ބުނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ހަތެއް ފުބުރުއަރީގައި ބަދަލުވި ގޮތް ބެލުމަށް ޓަކައި އުފައްދާފައިވާ ކޮމިޝަން އޮފް ނޭޝަނަލް އެންކުއަރީ (ކޯނީ) އިން ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ މިސަރުކާރަކީ ގާނޫނީ ސަރުކާރެއްގެ ގޮތުގައި ނިންމާފައި ވުމުން ލާމަރުކަޒީ ގާނޫނުގެ ދަށުން އަދާކުރަން ޖެހޭ ޒިންމާތައް އަދާ ކުރުމަށް ސަރުކާރާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށެވެ.
"ރައްޔިތުނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި ކޮންމެ ބަޔަކާއި މަޝްވަރާކޮށްގެން ވެސް ގާނޫނާއި ގަވައިދާ އެއްގޮތަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް އަބަދުވެސް މާލޭ ސިޓީ ކައުންސިލުން މަރުހަބާ ކިޔަން،" ސިޓީ ކައުންސިލްގެ ބަޔާނުގައިވެ އެވެ.
މާލޭ ސިޓި ކައުންސިލުން މީގެ ކުރިން ވަނީ މިސަރުކާރަކީ ގާނޫނާ އެއްގޮތަށް އައިސްފައިވާ ސަރުކާރެއް ނޫން ކަމަށް ބުނެ ސަރުކާރު ގަބޫލްނުކުރާނެ ކަމަށް ގަރާރެއް ވެސް ނެރެފަ އެވެ.
މާލޭ ސިޓީ ކައުންސިލުން ސަރުކަރާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ބުނެފައިވާ އިރު އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ ކޯނީގެ ރިޕޯޓުން ރައީސް ވަހީދުގެ ސަރުކާރަކީ ގާނޫނީ ސަރުކާރެއް ކަމަށް ކަނޑައެޅުމާ ގުޅިގެން މި ސަރުކާރު ބަލައިގެންފި ކަމަށެވެ.