05 Sep 2012, 16:08
ފުލުހުންގެ އާ ގާނޫނެއް ތައްޔާރު ކުރެއްވުމަށް ފަހު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މަޖިލީހަށް ފޮނުވައިފި އެވެ.
ނަޝީދު މިއަދު ވިދާޅުވީ ފުލުހުންގެ އާ ގާނޫނެއް ވުޖޫދަށް ގެނައުމުގެ މަގުސަދުގައި މަޖިލީހަށް ފޮނުވި ބިލްގެ މައިގަނޑު މަގުސަދަކީ ހޯމް މިނިސްޓަރަށް ފުލުހުންގެ ދައުރު އަދާކުރުމުގައި ފުލުހުން ކުރަންޖެހޭ ކަންކަމުގައި ޝާމިލްވެ ވަކިވަކި ފުލުހުންނަށް އަމުރުކުރުމަށް އޮންނަ ބާރު ނިމުމަކަށް ގެނައުން ކަމަށެވެ.
އޭނާ ވިދާޅުވީ އެ ބިލުގައި ކޮމިޝަނާ އޮފް ޕޮލިސް އާއި ޑެޕިއުޓީ ކޮމިޝަނާގެ މަގާމަށް ބޭފުޅުން އައްޔަން ކުރުމުގައި ރައީސުލް ޖުމްހޫރިއްޔާއަށް މިހާރު އެ އޮންނަ މުތުލަގު ބާރު ވަކި ހަމައެއްގެ ތެރެއިން ރަމްޒީ ބާރަކަށް ކުޑަކޮށްފައި އޮންނާނެ ކަމަށެވެ. އަދި ކޮމިޝަނާ ގެ މަގާމާއި ޑެޕިއުޓީ ކޮމިޝަނާގެ މަގާމަށް އައްޔަން ކުރާ ބޭފުޅުންނަކީ ފުލުހުންގެ ތެރެއިން ވަކި އުސޫލަކުން މަސައްކަތް ކޮށްގެން ފާހަގަ ކުރެވޭ ބަޔަނަށް ހަތަރު އަހަރުގެ ދައުރަކަށް ދެވޭ މަގާމެއްގެ ގޮތުގައި އެ ބިލްގައި ހަމަޖައްސާފައި އޮންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"މި ބިލްގެ މައިގަނޑު އެއް ބޭނުމަކަށް ވާނީ ވަޒީރަކަށް ހުންނަ ފަރާތަކަށް ފުލުހުންގެ ދައުރު އަދާ ކުރުމުގައި ފުލުހުން ކުރަންޖެހޭ ކަންކަމުގަ ޝާމިލްވެ ވަކިވަކި ފުލުހުންނަށް އަމުރުކޮށް ވަކިވަކި ފުލުހުންނަށް ލިބިދޭ ބާރުތައް އަމިއްލައަށް އިޚުތިޔާރުކޮށް ވަޒީރަށް ސީދާ ފުލުހުންގެ ދައުރު އަދާކުރުމަށް އެ އޮންނަ ބާރު ނިމުމަކަށް ގެނައުން. ފުލުހުންނަށް ފުލުހުންގެ މަސައްކަތް ކުރުމަށް ލިބެންޖެހޭ މިނިވަންކަން ލިބުން. އަދި ފުލުހުންގެ އިސް މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި ރައީސުލް ޖުމްހޫރިއްޔާއަށް މިހާރު އެ އޮންނަ މުތުލަގު ބާރު ވަކި ހަމައެއްގެ ތެރެއިން ރަމްޒީ ބާރަކަށް ކުޑަކޮށް ފުލުހުންގެ ތެރެއިން ވަކި އުސޫލަކުން މަސައްކަތް ކޮށްގެން ފާހަގަ ކުރެވޭ މީހަކު ހަތަރު އަހަރުގެ ދައުރަކަށް ކޮމިޝަނާ އޮފް ޕޮލިސް ގެ މަގާމަށާއި ޑޭޕިއުޓީ ކޮމިޝަނާ ގެ މަގާމަށް އައްޔަން ކުރުން،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންނާއި ހޯމް މިނިސްޓަރާއި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް އާ އަދި ރައްޔިތުންގެ މަޖިލީހާއި ދޭތެރޭ އޮންނަން ޖެހޭ ގުޅުމަކީ ކޮބައިކަން އެ ބިލްގައި ތަފްސީލުކޮށް އެކަމާ ބެހޭ އުސޫލުތަކެއް ކަނޑައަޅާފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ބިލު ގާނޫނަކަށް ވުމުން މިހާރު އަމަލު ކުރަމުންދާ ވަރަށް ގިނަ ކަންތައްތައް ތަފާތު ވެގެންދާނެ ކަމަށާއި އެގޮތުން ޚާއްސަ ކަމެއްގެ ގޮތުގައި ފުލުހުންނަށް ލިބިދޭ ވަކި ބާރުތަކެއް ވަކިވަކި މާއްދާ ތަކުގައި ލިޔެފައި އޮންނާނެކަމަށެވެ. އަދި ކޮންމެ ބާރެއްވެސް ބޭނުން ކުރެވޭނެ ގޮތް ކަމާ ގުޅޭ މާއްދާގައި ބަޔާން ކޮށްފައި އޮންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯޓު އަމުރެއް ނުހޯދައި ފުލުހުން ކުރާ ކަންތައްތައް ކޯޓު އަމުރެއްގެ ދަށުން ކުރުމަށް ލާޒިމްވާގޮތަށް އެ ބިލްގައި ހިމަނާފައި ވާނެ ކަމަށާއި އުންމީދު ކުރައްވަނީ 2013 ވަނަ އަހަރު ރާއްޖޭގެ ރައީސްކަމާއި ބޭފުޅަކު ހަވާލުވާއިރު އެ ބިލް ގާނޫނަކަށް ވެ އަމަލު ކުރެވެން ފެށުން ކަމަށެވެ.