މާލޭ އިން ބިން ވިއްކުމަށް އިދިކޮޅު އިއްތިހާދުން އިއުތިރާޒު ކުރަމުން ދަނިކޮށް، ހުޅަނގު ދެކުނު ހާބަރުން ވިއްކަން ކަނޑައެޅި ހަތަރު ބިމުގެ ތެރެއިން ތިން ވަނަ ބިން ވެސް ވިއްކާލައިފި އެވެ.


މާލޭ މުނިސިޕަލްޓީގެ އިއްޔެގެ ނޯޓިސްގައިވާ ގޮތުން، 2000 އަކަފޫޓުގެ ސީ ފަހެއް ބުލޮކުގެ ބިން ވެސް ކާމިޔާބު ކުރީ، 2000 އަކަފޫޓްގެ ސީ ހައެއްގެ ބިން ވެސް ކާމިޔާބު ކުރި، ސަން ފްރަންޓުންނެވެ.


ސަން ފްރަންޓުން އެ ބިން ކާމިޔާބު ކޮށްފައި ވަނީ އަކަ ފޫޓަކަށް، 6798.67 ރުފިޔާގެ ރޭޓުން 13.60 މިލިއަން ރުފިޔާ އަށެވެ. ސީ ފަހެއްގެ ބިން އެ ކުންފުނިން ކާމިޔާބުކޮށްފައި ވަނީ އަކަފޫޓެއް 6696.27 ރުފިޔާގެ ރޭޓުން، 13.39 މިލިއަން ރުފިޔާ އަށަށެވެ.


ހުޅަނގު ދެކުނު ހާބަރުން ނީލަމުގައި ވިއްކާ ހަތަރު ބިމުގެ ތެރެއިން 2000 އަކަފޫޓުގެ ފުރަތަމަ ބިން ކާމިޔާބު ކުރެއްވީ، މުނިސިޕަލްޓީގެ ނޯޓިސް ބޯޑުގައިވާ ގޮތުން، އަކަފޫޓެއް 4350 ރުފިޔާގެ ރޭޓުން 8.7 މިލިއަން ރުފިޔާ އަށް، ހ.ކެލީކްސް ހުސައިން މޫސާ އެވެ.


ހުޅަނގު ދެކުނު ހާބަރުން، ދެ ވަނަ ބިމެއް ވެސް ސަރުކާރުން މި ވިއްކާލީ ވެރިރަށް މާލޭގެ ބިންތައް ވިއްކުން ބާތިލުކޮށް ދިނުމަށް އެދި އިދިކޮޅު އިއްތިހާދުން މަދަނީ ކޯޓުގައި ދައުވާއެއް އުފުލާފައިވަނިކޮށެވެ.


މުނިސިޕަލްޓީން އިއުލާންކޮށްފައިވާ ގޮތުން ބިމެއް ކާމިޔާބު ކުރާ ފަރާތަކުން ހަތް ދުވަހުގެ ތެރޭގައި ބިން ގަތް އަގުގެ 10 ޕަސެންޓަށްވާ ފައިސާ ދައްކަން ޖެހެ އެވެ. ބާކީ ފައިސާ ދައްކަން ޖެހެނީ 60 ދުވަހުގެ ތެރޭގަ އެވެ.