އިންޑިއާ އިން އަލަށް އަމަލުކުރަން ފެށި މެރިޓައިމް ގަވާއިދަށް ދިވެހި ބޯޓުތައް ފެއްތުމަށް އެ ގައުމުން މިހާރު ދީފައިވާ ތިން މަސް ދުވަސް ހަމަވުމަށް ފަހު ވެސް ދިވެހި ބޯޓުތަކަށް އެއްވެސް ހުރަހެއް ނެތި އިންޑިޔާގެ ބަނދަރުތަކަށް ވަނުމުގެ ފުރުސަތު ދޭން އިންޑިޔާ އިން އެއްބަސްވެއްޖެ އެވެ.

އެކަމަށް އިންޑިއާ އިން އެއްބަސްވެފައި ވަނީ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދާއި، ޓްރޭޑް މިނިސްޓަރު އަހުމަދު މުހަންމަދާ އެކު އިންޑިއާގެ ޝިޕިންގް މިނިސްޓަރު މިއަދު ބޭއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.

މިއަހަރުގެ ޖޫން މަހު އިންޑިއާ އިން އަލަށް އަމަލުކުރަން ފެށި މެރިޓައިމް ގަވާއިދަށް ދިވެހި ބޯޓުތައް ފައްތަން އިންޑިއާ އިން ތިން މަސް ދުވަހުގެ މުއްދަތެއް ރާއްޖެއަަށް ދިނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 25ވަނަ ދުވަހަށެވެ.

އެ މައްސަލަ ހައްލުކުރުމަށް މިއަދު ބޭއްވި މަޝްވަރާތަކަށް ފަހު އިންޑިއާގައި ހުންނަވައި، ސަން އޮންލައިނަށް ދެއްވި އިންޓަވިއުގައި ޓްރޭޑް މިނިސްޓަރު އަހުމަދު މުހަންމަދު ވިދާޅުވީ އިންޑިއާ އިން މިހާރު އެއްބަސްވެފައި ވަނީ ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓްރީ އިން ދޭ ކްލެސިފިކޭޝަން ސެޓްފިކެޓް އިންޑިއާ އިން ގަބޫލުކުރުމުގެ ކުރިން އެކަން ކޮމެޓީއަކުން ދިރާސާކުރުމަށް ފަހު އެ ސެޓްފިކެޓް އިންޑިއާ އިން ގަބޫލުކުރުމަށް ކަމަށެވެ. އަދި އެ މުއްދަތުގައި މިހާރު ދީފައިވާ ތިން މަސް ދުވަސް ހަމަވި ނަމަވެސް ރާއްޖޭގެ ބޯޓުތަކަށް އިތުރު މުއްދަތު ދޭން އެއްބަސްވި ކަމަށް މިނިސްޓާ ވިދާޅުވި އެވެ.

"އެބޭފުޅުން ކޮމެޓީއެއް އެކުލަވާލައިގެން އެކަން ބަލާފައި މިކޮޅުގެ [ރާއްޖޭން ދޭ ސެޓްފިކެޓް] ގަބޫލުކުރާ ގޮތަށޭ އޮތީ މިނިސްޓަރު ވިދާޅުވި، އަދި ޔަގީންކަން ދެއްވި މިހާރު ދީފައިވާ މުއްދަތުގައި އެ މަސައްކަތް ނުނިމުނަސް، އެ މަސައްކަތް ނިމެންދެން ރާއްޖޭގެ ބޯޓުތަކަށް އިންޑިއާގެ ބަނދަރަށް ވަނުމުގެ ހުއްދަ އިތުރުކޮށްދެއްވާނަމޭ،" މިނިސްޓަރު ވިދާޅުވި އެވެ.

"ކޮންމެ ގޮތަކުން ބެލިޔަސް އަޅުގަނޑުމެންގެ މި ދަތުރުގެ މަގުސަދު މިވަނީ ހާސިލްވެފައި،"

އެ ގަވާއިދުގެ ދަށުން 25 އަހަރަށް ވުރެ ގިނަ ދުވަސްވީ 300 ޓަނުން މަތީގެ ބޯޓުތަކުގައި އިންޓަނޭޝަނަލް އޮތޯރިޓީ އޮފް ކްލެސިފިކޭޝަން (އައިއޭއެކްސް) ގަބޫލުކުރާ ކްލެސިފައިޑް ސެޓްފިކެޓެއް އޮންނަން ޖެހެ އެވެ. ނޫނީ އިންޑިއާގެ ޝިޕިންގް މިނިސްޓްރީން ގަބޫލުކުރާ އޮތޯރިޓީއެއްގެ ކްލެސިފިކޭޝަން ސެޓްފިކެޓް އޮންނަން ޖެހެ އެވެ. ނަމަވެސް ދިވެހި ގިނަ ބޯޓުތަކުގައި ހުންނަނީ ރާއްޖޭގެ ޓްރާންސްޕޯޓް އޮތޯރިޓީން ދީފައިވާ ކްލެސިފިކޭޝަން ސެޓްފިކެޓް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ. އެ ސެޓްފިކެޓަކީ އިންޑިއާގެ ޝިޕިން މިނިސްޓްރީން ގަބޫލުކުރާ ސެޓްފިކެޓެއް ނޫނެނެވެ.

އައު ގަވާއިދުގެ ދަށުން ބޯޓުތައްވެސް އިނުޝުއާ ކުރަން ޖެހެނީ، ޕީއެންއައި މިންގަނޑު ގަބޫލުކުރާ، ވޯލްޑް ކްލާސް އިންޝުއަރެންސް ކުންފުންޏަކުންނެވެ. އެކަމަށް ވެސް އިންޑިއާ އިން ހައްލުހޯދައިދޭން އެއްބަސްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިންޑިއަކީ އަބަދުވެސް ރާއްޖެ އަށް އެހީތެރިވެދޭ ގައުމެއް. އަދި ރާއްޖެ އަށް އިންޑިއާ އިން މިދިޔަ އަހަރު ވެސް 147 މިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓުކޮށްފައި. އެހެންވީމާ މި ހާސިލްވީ މުހިންމު ކަމެއް، މިކަން ހައްލުކުރަން އިންޑިއާ އިން ރާއްޖެ އަށް ކޮންމެ އެއްބާރުލުމެއް ދޭނެ ކަމުގެ ޔަގީންކަން މި ލިބުނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިއާގެ މެރިޓައިމް ގަވާއިދަށް ގެނައި ބަދަލާ ގުޅިގެން ޖުލައި މަހުގެ ތެރޭގައި އިންޑިއާ އަށް ދަތުރުކުރި ބައެއް ބޯޓުތަކަށް މުދާ ބަރުނުކުރެވިގެން އަނބުރާ މާލެއަންނަން ޖެހުނެވެ. އައު މިންގަނޑަށް ބޯޓުތައް ފައްތަން ޖެހުމުން ބޮޑަތި ހަރަތުތަކެއް ބޯޓުތަކުން ކުރަންޖެހެ އެވެ.

އިންޑިޔާއަކީ ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް މުގާއި، ފިޔާ، އަލުވި، ލޮނުމެދު އަދި ބިސްވެސް އެތެރެކުރާ ކުރާ އެއްގައުމެވެ. އިންޑިޔާއިން ކޮންމެ އަހަރަކު ވެސް މި ތަކެތީގެ ކޯޓާއެއް ރާއްޖެއަށް ދޫކުރެ އެވެ.