ގާނޫނު އަސާސީގައި ކުޑަކުއްޖެއްގެ އުމުރަކީ 18 އަހަރުން ދަށް ކަމުގައި ލިޔެފައިވާ މާއްދާ އިސްލާހު ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޗައިލްޑް އެބިއުސިން ޕްރިވެންޝަން ސޮސައިޓީ (ކެޕްސް) އިން ގޮވާލައިފި އެވެ.

އުމުރުން 16 އަހަރުގެ އަންހެން ކުއްޖެއްގެ މައްޗަށް ޒިނޭ ކުރިކަން ޝަރީއަތަށް ސާބިތުވެގެން ރ. ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުން އެ ކުއްޖާގެ މައްޗަށް 100 އެތިފަހަރުން ހައްދުޖަހައި އަށް މަސް ދުވަހަށް ގޭބަންދު ކުރަން އިއްވި ހުކުމާ ގުޅިގެން ބޭރުގެ ބައެއް މީޑިއާތަކުގެ ސަމާލު ކަމަށް އެކަން އައިސްފައިވާ މައްސަލަގައި ކެޕްސް އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ކުއްޖާގެ މައްޗަށް ހުކުމް ތަންފީޒު ކޮށްފި ނަމަ އެއީ ރާއްޖެ އަށް ދިމާވެދާނެ ބޮޑު ގޮންޖެހުމެއް ކަމަށް ދެކުމަކީ ހަގީގަތެއް ނޫން ކަމަށެވެ.

އަދި އިސްލާމްދީނުގައި ވަކި ހުކުމެއް ކަނޑައަޅައިފައިވާ ކަމެއް އެއްވެސް ފަރާތަކަށް ބަދަލު ނުކުރެވޭނެ ކަމީ ހަގީގަތެއްކަން ގަބޫލުކުރަން ޖެހޭ ކަމަށްް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.

ކެޕްސް ބުނީ އިސްލާމްދީނުގައި ބާލިޣުވުމަށް ފަހު އެއީ ކުޑަކުއްޖެއް ކަމުގައި ނުބަލާ ކަމަށާއި ރާއްޖޭގެ ގާނޫނު އަސާސީގެ މަސްދަރަކީ އިސްލާމް ދީން ކަމުގައި ގާނޫނު އަސާސީގައި ވަރަށް ސަރީހަކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި އެ ގާނޫނުގައި އެހެން ސަރީހަކޮށް ބުނެފައިވާ އިރު ކުޑަކުއްޖެއްގެ އުމުރަކީ 18 އަހަރުން ދަށް ކަމުގައި ލިޔެފައިވާތީ އެއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށް އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކުޑަކުއްޖެއްގެ އުމުރަކީ 18 އަހަރުން ދަށް ކަމުގައި ގާނޫނުގައި ކަނޑައަޅާފައިވުމުން އެ މައްދާގެ ނާޖާއިޒު ފައިދާ ނަގާކަން ފާހަގަކޮށް ކެޕްސް އިން ބުނީ ފަހަކަށް އައިސް ބޮޑެތި ޖަރީމާތައް ހިނގާ މީހުންގެ ޖުމްލަ އުމުރު ފުރާ އުޅެނީ 18 އަހަރުން ދަށުގައި ކަމަށެވެ. އަދި މިއީ މުޅި ގައުމަށް ވެސް ދެވޭ ނުރައްކާތެރި ސިގްނަލެއް ކަމަށް ވެސް ކެޕްސް އިން ބުނެ އެވެ.

"ކޮންމެ ފަދަ ނުބައި ޢަމަލެއް ހިނގާފައި ވެސް 18 އަހަރު ނުފުރޭ ކަމަށް ބުނެ އެމީހެއްގެ މައްޗަށް ހުކުމް ތަންފީޒު ނުކުރެވޭ ނަމަ ކުރިމަގުގައި މިއަށް ވުރެ ބޮޑު، ނުރައްކާތެރި ކަންކަން ހިނގައިދާނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން..،" ކެޕްސްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ދުނިޔޭގެ މީޑިއާތަކުގެ ސަމާލު ކަމަށް އައިސްފައިވާ އެ މައްސަލަގައި ހުރިހާ ފަރާތަކުން ވެސް އިސްލާމްދީނުގައިވާ ގޮތުގެ މަތިން ކުރިއަށް ދިއުމަށް ކެޕްސްގެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ. އަދި އެ މައްސަލައިގައި ހުކުމް އިއްވާފައިވާ ދެ މީހުންގެ ހުކުމް ވީހާވެސް އަވަހަށް ތަންފީޒު ކުރުމަށް ތަންފީޒީ އިދާރާތަކަށް ކެޕްސް އިން ވަނީ ގޮވާލާފަ އެވެ.

އެ މައްސަލައަކީ އިތުރަށް މަޝްވަރާ ކުރަން ޖެހޭ މައްސަލައެއް ކަމުގައި ނުދެކި އިސްލާމްދީނުގައި ކަނޑައަޅާފައިވާ ގޮތަށް އެކަން ކުރުމަށް ވެސް ކެޕްސްގެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

ޒިނޭގެ އެމައްސަލާގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ އެކަމާ މަޝްވަރާ ކޮށްފަ އެވެ.

މިމައްސަލައިގައި އަންހެން ކުއްޖާގެ މައްޗަށް ޒިނޭ ކުށް ސާބިތުވެފައި ވަނީ އެ ކުއްޖާ އެ ކުށަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފްވެފައިވާތީ އެވެ. އެ އަންހެން ކުއްޖާގެ މައްޗަށް ކޮށްފައިވާ ހުކުމްގައި ބުނެފައިވާ 100 އެތިފަހަރުން ހައްދު ޖެހުމުގެ ބައި ތަންފީޒުކުރަން ޖެހޭނީ އެކުއްޖާގެ އުމުރުން 18 އަހަރުވުމުންނެވެ.

ޒިނޭގެ އެ މައްސަލަގައިގެ 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ރ. އަނގޮޅެތީމު ފިނިވާގޭ، އަހުމަދު ރަޝީދު 29،ގެ މައްޗަށް ކުރި ޒިނާގެ ދައުވާ އަށް އޭނާ އިންކާރުކޮށްފައި ވާތީ އެމީގެ މައްޗަށް ހުކުމްކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުން އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.