ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ އަބުރަށް ހުތުރުވާ ގޮތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާފައިވާތީ އެ މަނިކުފާނުގެ މައްޗަށް އެ ދެ ބޭފުޅުން އަބުރުގެ ދައުވާ ކުރައްވައްވައިފި އެވެ.

މިނިސްޓަރު ނާޒިމާއި ކޮމިޝަނާ ރިޔާޒުގެ ގާނޫނީ ވަކީލު އަރީފް އަހުމަދު ނަސީމް މިއަދު ވިދާޅުވީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ މިއަދު ކަމަށާއި ދެ ބޭފުޅުންގެ މައްސަލަ ވެސް ހުށަހަޅާފައި ވަނީ ވަކިވަކިން ކަމަށެވެ.

އޭނާ ވިދާޅުވީ އެ ދެ ބޭފުޅުން ރައީސް ނަޝީދުގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާފައި ވަނީ ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ) ގެ ރިޕޯޓު ނެރުމަށް ފަހު ޖެހިގެން އައި ދުވަހުގެ ރޭ އުސް ފަސްގަނޑުގައި ވާހަކަ ދައްކަވަމުން އެ ދެ ބޭފުޅުންގެ އަބުރަށް ހުތުރުވާ ގޮތަށް އެމަނިކުފާނު ވާހަކަފުޅު ދައްކަވާފައިވާތީ ކަމަށެވެ.

"ކޯނީ ރިޕޯޓު ނެރުމަށްފަހު ޖެހިގެން އައި ދުވަހުގެ ރޭ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އުސްފަސްގަނޑުގައި އެމްޑީޕީ މެންބަރުންނާއި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ގެ އަބުރަށް ހުތުރުވާ ގޮތަށް އެރޭ ދެއްކި ވާހަކައިގައި މުޚާތަބުކޮށްފައިވާތީ އެ މައްސަލައިގައި އަބުރުގެ ދައުވާ ކުރުމަށް އަޅުގަނޑުމެން މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފިން،" އަރީފް ވިދާޅުވި އެެވެ.

އަރީފް ވިދާޅުވީ އަބުރުގެ ދައުވާ ކޮށްފައި ވަނީ ގާނޫނު އަސާސީގެ ދަށުންނާއި އަބުރާއި ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދިނުމުގެ ގަވާއިދުގެ ދަށުން ކަމަށެވެ.

ކޯނީގެ ރިޕޯޓު ނެރުނު ދުވަހާއި ޖެހިގެން އައިދުވަހުގެ ރޭ އުސްފަސްގަނޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޑިފެންސް މިނިސްޓަރު ނާޒިމާއި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒަކީ ބަޣާވާތް ކޮށްގެން ތިބި ބައެއްކަމަށް އެމަނިކުފާނަށް އަދިވެސް ތުހުމަތު ކުރެވޭތީ އެ ދެބޭފުޅުންގެ ނާއި ދިމާލަށް ބާޣީއޭ ކިޔުން ނުހުއްޓާނެ ކަމަށެވެ.