ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ފުލުހުނާއި އިމިގްރޭޝަނުން އޮޕަރޭޝަނެއް ފެށުނުން ގިނަ އަދަދެއްގެ ބިދޭސީން ފިލަން މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

ޑެޕިއުޓީ ކޮންޓްރޯލާ ހާމިދު ފަތުހުﷲ މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ހޯދަން މިހާރު ކުރަމުންގެންދާ މަސައްކަތުގެ ދަށުން ބިދޭސީން އުޅޭ ތަންތަނަށް ގޮސް ސުވާލުކުރަން ފެށުމުން ގިނަ އަދަދެއްގެ ބިދޭސީން ފިލަން މަސައްކަތް ކުރާ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން ގޭގޭގެ ފުރާޅު މަތިން އަރައިގެން ފިލާއިރު އަނެއް ބަޔަކު ތަންތަނަށް ވަދެ ފިލާ ކަމަށެވެ.

"އެބަހުރި އިނގޭތޯ މޫދަށް ފުންމާލާފައި. ގޭގޭ ވަޅުތެރެއަށް ފުންމާލާފަ، ފުރާޅުމަތިން ދުވެފަައި، އިއްޔެ އަޅުގަނޑުމެން ހޯދިން ދޯންޏެއްގެ ފަލްކާތެރެއިން ވެސް، އިއްޔެ އެމީހާ ފިލުމުން އަޅުގަނޑުމެން ހޯދާ ހޯދާ އެއްގޮތަކަށްވެސް ނުފެނުނު ދެން އަޅުގަނޑުމެން ދޯނީގ ފަލްކާ ބަލާލާނަމޭ ހީކޮށް އެތަން ހިއްލާ ބަލާލިއިރު އެތާގެތެރޭ އޮތީ، އަދި ކުރީ ދުވަހަކު ބޮޑު ހިލަ ގާ ފުންނެއްގެ ތެރޭގައި ހޮހަޅައަކަށް ވަދެއޮއްވާ ފެނިފައި ވެސް ވޭ" ޑެޕިއުޓީ ކޮންޓްރޯލާ ވިދާޅުވި އެވެ.

ބިދޭސީން ފިލަން މަސައްކަތް ކުރަމުންދާކަމަށް އިމިގްރޭޝަނުން ބުނެފައިވާއިރު މިއަދުވެސް ފުލުހުނާއި އިމިގްރޭޝަނުން ކުރިއަށްގެންދާ އެއޮޕަރޭޝަނުގައި ވިލިގިލީ ފެރީ ޓާމިނަލް ސަރަހައްދުން ބިދޭސީން ހުއްޓުވައި އެމީހުނަކީ ގަވައިދާ އެއްގޮތަށް އުޅޭ ބައެއްތޯ ބެލުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެތަނުގައި ހުރި ބިދޭސީއަކު ވަނީ އެސަރަހައްދުން މޫދަށް ފުންމާލުމަށް ފަހު ފިލާފަ އެވެ.

އޭނާ ވިދާޅުވީ އެއޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބިދޭސީން އިމިގުރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށައި އެގޮތުން މިއަދުވެސް 84 ވަރަކަށް ބިދޭސީން ގެންގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ގެންނަ ވަރަކަށް އާދޭ އެމީހުން ގެންގުޅޭ މީހުން ހަވާލުވާން. އެގޮތުން ރެގުއަލައިޒްކޮށްގެން އެމީހުން ގެންގުޅެން ބޭނުންވެގެން، އަދި ހަމަ ނަގާ މީހުންތަކުގެ ތެރޭގައި ބައެއް ފަހަރު ހުރޭ ވަރަށް ގިނައިން އެމްޕުލޯޔަރު ރަނގަޅު މުސާރަދޭ ނަމަވެސް ވިސާގެ ކަންތައް އެއްވެސް ގޮތަކަށް ކުރިއަށް ނުގެންދާ އެހެންވީމަ އެމީސް މީހުން އަޅުގަނޑުމެން ފައިސާ ދައްކާފަ ކާޑް ހައްދާފަ ދޫކުރަނީ،" ޑެޕިއުޓީ ކޮންޓްރޯލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއިން ފޮނުވާލަން ޖެހޭ މީހުން ފޮނުވާލަމުން ދާކަމަށާއި އެގޮތުން މިހާތަނަށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 71 މީހަކު ޑީޕޯޓް ކޮށްފައިވާއިރު އަމިއްލައަށް އެދިގެން ގަވާއިދާއި ޚިލާފަށް އުޅުނު 2016 ބިދޭސީއަކު ގައުމަށް ފޮނުވާލާފައިވެ އެވެ.

އިމިގްރޭޝަނުން ވަނީ ގަވައިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ތިލަފުށިން ވެސް އަތުލައިގެންފަ އެވެ. އެގޮތުން ތިލަފުށީގައި ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންގެ ތެރެއިން މިހާތަނަށް އަތުލައިގަތް ބިދޭސީންގެ ވިސާފީގެ ގޮތުގައި 000 254 އަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވެ އެވެ.

އިމިގްރޭޝަނުން މިހާރު ދަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން އެމީހުންގެ ގައުމަށް ފޮނުވާލަން އެހީވުމުގެ ގޮތުން އިމިގްރޭޝަން އާއި އައިލޭންޑް އެވިއޭޝަން ސާވިސަސް ލިމިޓެޑާ ދެމެދު ވަނީ މިދިޔަ މަހުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއިކޮށްފި ވެސް އެވެ. އަދި އިމިގުރޭޝަނުން ވަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ނިސްބަތް އާދަޔާއި ހިލާފަށް އިތުރުވަމުން އަންނަ ކަމަށާއި ރާއްޖޭގައި ބިދޭސީން ދިރިއުޅޭ ނިސްބަތް 2018 ވަނަ އަހަރު އަންނަ އިރު ދިވެހިންގެ އާބާދީއާއި އެއްވަރު ވާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.