05 Sep 2012, 14:40
އެއްވެސް އިރެއްގައި ބޮޑު މުސާރައަކަށް ޑިމާންޑް ނުކުރާ ކަމަށް ރެއާލް މެޑްރިޑުގެ ޕޯޗުގީޒް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ރޮނާލްޑޯ ބުނީ، ބައެއް މީޑިއާ ތަކުގައި އޭނަގެ އަގު ވައްޓާލަން ބަޔަކު މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށެވެ.
ރޮނާލްޑޯއާ ބެހޭ ގޮތުން ބޭރުގެ ބައެއް ނޫސްތަކުގައި، ބުނެފައި ވަނީ ރެއާލްއާ މެދު ރޮނާލްޑޯ ހިތްހަމަ ނުޖެހޭ ކަމަށާއި އެކުލަބުން އޭނާއަށް ދެމުން އަންނަ މުސާރައާ މެދުވެސް ހިތްހަމަނުޖެހޭ ކަމަށެވެ.
ރޮނާލްޑޯގެ ވާހަކަތައް މީޑިއާގައި ފެތުރިފައިވާ މިދަޑިވަޅުގައި ރެއާލްއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވައެވެ.
އުމުރުން 27 އަހަރުގެ ފޯވާޑް ރޮނާލްޑޯގެ އަގުވައްޓާލަން ބަޔަކު މަސައްކަތްތަކެއް މީގެ ކުރިން ވެސް ކޮށްފައި ވާކަމަށް ރޮނާލްޑޯގެ އެޖެންޓުވެސް މީގެ ކުރިން ވަނީ މީޑިއާގައި ބުނެފައި ވެއެވެ.
ގިނަ މީޑިއާތަކުން ތުހުމަތުކުރަނީ ރޮނާލްޑޯގެ ބޭނުމަކީ ބޮޑު މުސާރަ ލިބޭ ކޮންޓްރެކްޓެއް ހޯދުން ކަމަށެވެ. އަދި އެކަމާ ރޮނާލްޑޯ ވަރަށް މަސައްކަތް ކުރާކަމަށް ވެސް ތުހުމަތު ކޮށްފައި ވެއެވެ.
ސްޕެއިނުގައި އެންމެ ގިނައިން ވިކޭ ކުޅިވަރު ނޫސް ކަމަށްވާ މާކާ އިން ބުނީ ރޮނާލްޑޯ އަށް އަހަރަކު ލިބެނީ 10 މިލިއަން ޔޫރޯ ކަމަށާއި މިއީ ރަޝިއާގެ އަންޒީ އަށް ކުޅޭ ކެމަރޫންގެ ސެމުއެލް އެޓޫ އަށް ލިބޭ މުސާރައިގެ ދެ ބައި ކުޅަ އެއްބައި ކަމަށެވެ. އެހެންވެ ރޮނާލްޑޯ އެއަށް ވުރެ ބޮޑު މުސާރައަކަށް ޑިމާންޑްކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.