05 Sep 2012, 14:35
މާލޭގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އަސާސީ ބައެއް ހައްގުތަކާގުޅޭ ބައެއް މައްސަލަތަކާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލާ އެކު ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މަޝްވަރާކޮށްފި އެވެ.
އެޗްއާރުސީމުން ބުނީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން އަލިމަނިކު ރިޔާސަތު ބެލެހެއްޓެވި މިބައްދަލުވުމުގައި މާލޭގައި ހިނގަމުންދާ މުޒާހަރާތަކާއި އަދި ސިޔާސީ ޕާޓީތަކުގެ ބޭނުމަށް މާލޭގެ ބިންތައް ދޫކުރަމުންދާ ގަވާއިދާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން ވިއްސާރަވެ މާލޭގެ މަގުތަކުގައިވާ ކާނުތައް ފުރިފައިވާތީ މަގުމަތީގައި ފެންބޮޑުވެ މަގުތަކުން ދަތުރުކުރާ ފަރާތްތަކަށް ދަތިވަމުންދާ މައްސަލައާއި މާރުކޭޓު ސަރަހައްދުގައި ކުޑަކުދިންނާ އެކު ސަލާންޖަހަމުންދާ މީހުންގެ މައްސަލައާއި މާލޭގައިވާ ކުނިކޮށިތައް ފުރިގެން ގިނައިރުވެގެން އެތަކެތިން އުނދަގޫވަމުންދާ މައްސަލައާއި އުސް އިމާރާތްތައް ހަދާއިރު ޗައިލްޑް ސޭފްޓީ ނުވަތަ ކުޑަކުދިންގެ ސަލާމަތްތެރިކަމުގެ މިންގަނޑު ހިފެހެއްޓުމާ ބެހޭގޮތުންނާއި ފުރޮޅުލީ ގޮނޑީގައި އުޅޭ ނުކުޅެދުންތެރި ފަރާތްތަކަށް ދައްޗެއްނެތި އިމާރާތްތަކަށް ވަދެ ނިކުމެވޭ ގޮތަށް ހެދުމާއި ގުޅޭ ގޮތުން ބިނާ ކުރަނިވި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.
އެޗްއާރުސީއެމްގެ ރައީސާއި މަރިޔަމް އަޒުރާ މިއަދު ވިދާޅުވީ މާލޭ ސިޓީ ކައުންސިލާ އެކު ބޭއްވި އެބައްދަލުވިމަކީ އެޗްއާރުސީއެމުން ބޭނުންވެގެން މާލޭގެ ކަންކަމާ ބެހޭ ގޮތުން ސިޓި ކައުންސިލާ އެކު މަޝްވާކޮށްލުމަށް ބޭއްވި ބައްދަލުވުމެއް ކަމަށާއި އެބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތަކާ ގުޅިގެން އިތުރަށް މަޝްވަރާތައް ކުރިއަށް ގެންގޮސް ދެފަރާތުން ވެސް އެކިއެކި ކަންކަމުގައި އެއްބާރުލުން ދީގެން މަސައްކަތް ކުރުމަށް އެއްބަސްވި ކަމަށެވެ.
" ކޮމިޝަނުން ފާހަގަކުރި ކަންކަމުގައި ވަރަށް ބޮޑަށް އެއްބާރުލުން ލިބުނު، ދެ ފަރާތުން ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ވެސް ވަނީ އެއްބަސްވެފައި،" އަޒުރާ ވިދާޅުވި އެވެ.
މިބައްދަލުވުމުގައި އެޗްއާރުސީއެމުން ހުށަހެޅި ބައެއް ކަންތައްތަކާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލަށް ސަރުކާރުގެ ބައެއް އިދާރާތަކުން ލިބެންވާވަރަށް އެއްބާރުލުން ނުލިބޭ ކަމަށް އެކައުންސިލުން ބުނި ކަމަށާއި ގިނަ ކަންކަން ހައްލުކުރުމަށް ބޭނުންވާ ފައިސާ ނެތިގެން ކަންކަން ނުކުރެވި ލަސްވަމުންދާކަން އެކައުންސިލުން ފާހަގަކޮށްފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
" ސިޓީ ކައުންސިލަށް ބައެއް ކަންކަމުގައި ބޭނުންވާ އެއްބާރުލުން ސަރުކާރުގެ ކަމާ ބެހޭ ބައެއް ފަރާތްތަކުން ނުލިބޭ ކަމާއި ބައެއް ކަހަލަ ކަންކަން ކުރުމަށް ފައިސާ ނުލިބޭ ކަން ކައުންސިލުން ފާހަގަކުރެއްވި،"
އަޒުރާ ވިދާޅުވީ ސިޓީ ކައުންސިލުން ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކާ ބެހޭ ގޮތުން އެކޮމިޝަނުން ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން އެކަންތައްތަކަށް ހައްލެ ހޯދޭތޯ ބައްލަވާނެ ކަމަށެވެ.