05 Sep 2012, 13:54
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގަނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ ޝަރީއަތް ތިން ފަނޑިޔާރުންންގެ ބެންޗަކުން ބަލާ ގޮތަށް ހަމަޖައްސައިފި އެވެ.
ޖުޑީޝަރީގެ ސްޕޯކްސް ޕާސަން ލަތީފާ ގާސިމް މިއަދު ވިދާޅުވީ ރައީސް ނަޝީދުގެ އިތުރުން އެ މައްސަލައިގައި ދައުވާލިބޭ ހުރިހާ ބޭފުޅުންގެ ޝަރީއަތް ވެސް ކުރިއަށް ގެންދާނީ ތިން ފަނޑިޔާރުންގެ ބެންޗަކުން ކަމަށެވެ.
"އެ މައްސަލައިގެ ޝަރީއަތް ތިން ފަނޑިޔާރުންގެ ބެންޗަކުން ބަލާ ގޮތަށް ވަނީ ހަމަޖައްސާފައި،" ލަތީފާ ވިދާޅުވި އެވެ.
ގާނޫނާ ޚިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ އިތުރުން ދައުވާ ލިބެނީ ކުރީގެ ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
އެ ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ކުރާ ދައުވާ އަކީ ގާނޫނާ ޚިލާފު ގޮތަކަށް ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ އެވެ.
ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ޝަރީއަތް އަވަސްކޮށްދެއްވުމަށް އެދި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ސިޓީއެއް ފޮނުވައިފަ އެވެ. ހުޅުމާލޭ ކޯޓުން ބުނީ އެ މައްސަލައިގެ ޝަރީއަތް ހިންގުމަށް ހަމަޖެހިފައި ވަނީ ޖަސްޓިސް ބިލްޑިންގެ ތިރީގައި ހުންނަ ޝަރީއަތް ކުރާ ކޮޓަރީގައި ކަމަށާއި އެ މައްސަލައިގެ ޝަރީއަތް ވަރަށް އަވަހަށް ބޭއްވުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.