05 Sep 2012, 13:43
އެމްބީއޭ ޗެމްޕިއަންޝިޕުގެ ގްރޫޕް ދޭއްގައި ރޭ ކްލަބް އީގަލްސް އަތުން ޓީރެކްސް ބީސީ މޮޅުވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗު ޓީރެކްސް އިން ކާމިޔާބުކުރީ 81 ޕޮއިންޓު 76 ޕޮއިންޓުންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީރެކްސް 21 ޕޮއިންޓު ހޯދަދިން ޒަކަރިއްޔާ އަބްދުއްލަތީފެވެ. އަދި މެޗުން ބަލިވި އީގަލްސްއަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ ހުސައިން އަމީން އާއި އަބްދުލް އަފްލާހް ސަރީފެވެ. މިދެ ކުޅުން ތެރިން ވެސް 15 ޕޮއިންޓު ހޯދައިދިނެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އެކެއްގެ ދިވެހި ސިފައިންގެ ކުލަބާއި އާއި އެމްއެސް ހެލްޕިން ހޭންޑެވެ. މެޗް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ޖަހާއިރު އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ޒުވާނުންގެ މަރުކަޒުގެ ބާސްކެޓް ކޯޓުގައި ކުރިއަށްގެންދާ މިމުބާރާތު މިފަހަރު ވާދަކުރާނީ ފިރިހެން ޑިވިޒަންގެ އަށް ޓީމެވެ.
އެގޮތުން ގްރޫޕް އެކެއްގެ ފަޅިން ވާދަކުރާ ޓީމް ތަކަކީ ދިވެހި ސިފައިންގެ ކްލަބާއި ރެޑްލައިން ކްލަބާއި އެލްކިއު ސްޕޯޓްސް އަދި އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ އެވެ. އަދި ގްރޫޕް ދޭއްގައި ވާދަކުރަނީ ހަރިކޭން ބީސީ އާއި ޓީރެކްސް ބީސީ އާއި ޕޮލިސް ކްލަބް އަދި ކްލަބް އީގަލްސް އެވެ.
މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ.