02 Sep 2010, 09:33
ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމުގެ މާސްޓާ ޕްލޭނަކަށް ޖުޑިޝަރީ ތައްޔާރުވަމުން އަންނަ ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.
ސަންއެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖުޑިޝަރީ ހަރުދަނާކޮށް ކުރިޔަށް ގެންދިއުމަށް، އެމަނިކުފާނުގެ ވަރަށް ބައިވަރު ވިސްނުންފުޅު ގެންގުޅުއްވާ ކަމަށާއި އެންމެ އަވަސްކުރައްވަން ބޭނުންފުޅު ވަނީ މުޅި ޖުޑިޝަރީ ކުރިޔަށް ގެންދާނެ ގޮތުގެ މާސްޓާ ޕްލޭނެއް އެކުލަވެއްވުމަށް ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދާއިމީ ސުޕްރީމް ކޯޓެއްގެ ސެޓަޕް ހަމަޖެހިގެން އައި އިރު ވެސް ވިސްނުންތަކަކާއި ފިކުރުތަކެއްގެ އިތުރުން ރާވަމުންދާ ކަންތައްތަކެއް ހުރި ކަމަށެވެ. އެހެން ކަމުން މުޅި ޖުޑިޝަރީ ހަރުދަނާކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ބަލައި ދިރާސާ ކުރުމަށް ފަހު އޭގެ އަލީގައި މާސްޓާ ޕްލޭނެއް އެކުލަވައިލުމަށް އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.
"ފުރަތަމަ ދިރާސާ ކުރަމުން މި ގެންދަނީ ޖުޑިޝަރީގެ މާސްޓާ ޕްލޭން އެކުލަވައިލާނެ ގޮތްތަކެއް. ޖުޑީޝަރީގައި އިތުރަށް ކަންތައްތަކެއް ހަރުދަނާ ކުރަން ހުރީ ކޮން ކޮން ދާއިރާތަކަކުންތޯ؟" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޖުޑިޝަރީގެ މާސްޓާ ޕްލޭން އެކުލަވައިލާއިރު ވޭތުވެދި ދުވަސްތަކުގައި ޖުޑިޝަރީއާ ބެހޭ ގޮތުން އެކުލަވާލާފައި ހުރި ހުރިހާ މަޝްރޫއުތަކަކާއި ސަރުކާރުން ހަދާފައި ހުރި ދިރާސާތަކާއި ބޭރުގެ ތަޖުރިބާކާރުން ހަދާފައިވާ ދިރަސާތައް ހޯދާފައިވާ ކަމަށެވެ.
"އެ ހުރިހާ ކަރުދާހެއް އަޅުގަނޑު އެއްކޮށްފިން. އެ ކަރުދާސްތައް ދިރާސާކުރަމުން މިދަނީ. މާސްޓާ ޕްލޭން ކުރިޔަށް ރޭވިގެން އަންނާނީ މި ދިރާސާތަކުގެ އަލީގައި،"
އުއްތަމަ ފަނޑިޔާރު ވިދާޅުވީ މުޅި ޖުޑިޝަރީގެ ލަނޑުދަނޑި ހިމެނޭ ގޮތަށް މާސްޓާ ޕްލޭން ރާވާއި އަކުލަވާލައި ނިމުނީމާ އޮންނާނީ ވަރަށް ފަސޭހަ ސެޓަޕެއް ގާއިމުވެ ޑިވެލޮޕް ކުރެންވީ ދާއިރާތަކާ ކުރިއަށްދާން ޖެހޭ ގޮތް ފާހަގަ ކުރެވިފައި ކަމަށެވެ.