އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ މައްސަލަތަކުގައި ލަފާހޯދުމަށް ބޭރުގެ ކޮންސަލްޓެންޓެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ ސަން އޮންލައިން އަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ އެ ކޮމިޝަނުގައި ދެ އަހަރުވަންދެން މަސައްކަތްކޮށްދޭނެ ބޭރުގެ ކޮންސަލްޓަންޓަކު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް "އަދި ކާމިޔާބުވާ ގޮތް" ނުގޮވާ ކަމަށެވެ.

ލުތުފީ ވިދާޅުވީ އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރުގެ ކުންފުންޏާ ހަވާލުކުރުމާ ގުޅިގެން ކުރެވޭ ތުހުމަތުތަކާއި އަދި އިތުރު ބައެއް މައްސަލަތައް ބެލުމަށް ބޭރުގެ ކޮންސަލްޓަންޓެއްގެ އެހީތެރިކަން ކޮންމެހެން ވެސް ބޭނުންވާ ކަމަށެވެ.

އަދި ވިދާޅުވީ ފޮރިން މިނިސްޓްރީގައި ވެސް ބޭރުގެ ކޮންސަލްޓަންޓަކު ހޯދައިދިނުމަށް މީގެ ތިން މަސް ކުރިން އެދިގެން ވެސް މިހާތަނަށް އަދި އެކަން ވެފައި ނުވާ ކަމަށެވެ.

"ވަކި އެކަނި ޖީއެމްއާރު މައްސަލައިގައެއް ނޫން. އެ ނޫން މައްސަލަތަކެއްގައި ވެސް ދެ އަހަރުވަންދެން މަސައްކަތްކުރާނެ ކޮންސަލްޓަންޓަކު ލިބޭތޯ މި ބަލަނީ. ފޮރިން މިނިސްޓްރީއަށް ވެސް ސިޓީއެއް ފޮނުވައިގެން އަދި ޖަވާބެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވީ އެ ކޮމިޝަނުގެ ބަޖެޓްގެ ދަތިކަމާ އެކު އިއުލާންކޮށްގެން ބޭރުގެ ކޮންސަލްޓަންޓަކު ހޯދޭވަރު ނުވާނެ ކަމަށާއި މަސައްކަތް ކުރަނީ ހިލޭ ނުވަތަ ކުޑަ އަގެއްގައި މަސައްކަތްކޮށްދޭނެ ކޮންސަލްޓަންޓަކު ހޯދުމަށް ކަމަށެވެ.

"މި ދޭތެރެއަކުން ކޮންސަލްޓަންޓެއްގެ ސީވީ ވެސް ލިބުނު އެހެން ނަމަވެސް އޭނާ އަށް ދޭން ޖެހޭ ކޮންސަލްޓަންޓް ފީ ތަންކޮޅެއް ބޮޑު ކަމުން އެކަން ނުވީ. އެވަރުގެ ބަޖެޓެއް ނެތް އިއުލާންކޮށްގެން މީހަކު ހޯދައިގެން ގެންގުޅޭކަށް،" އޭނާ ވިދާޅުވި އެވެ.

ބޮޑެތި ބައެއް މައްސަލަތައް ނުނިމި ގިނަ ދުވަސްތަކެއް ވާތީ ބައެއް ފަރާތްތަކުން އޭސީސީ އަށް ފާޑުކިޔަމުންދެ އެވެ.