05 Sep 2012, 12:56
ސާކުގެ ސެކްރެޓޭރިއަޓާއި ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ސާކް ގައުމުގެ މެދުގައި ވިޔަފާރީގެ ކަންތައްތަކުގައި މަޝްވަރާކުރުމުގެ ގޮތުން ވޯކްޝޮޕެއް މިއަދު ރާއްޖޭގައި ފަށައިފި އެވެ.
"ނެޝަނަލް އެވެއާނަސް ވޯކްޝޮޕް އޮން ޓުރޭޑް އެންޑް ކޮލިޓީ އިންފުރާސްކަލްޗާ"ގެ ނަމުގައި މިއަދު ނަސަންދުރާ ޕެލަސް ހޯޓަލުގައި ފެށި އެއް ދުވަހުގެ އެ ވޯކްޝޮޕް ފައްޓަވައި ދެއްވީ މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ އަހުމަދު ޝަފީއު އެވެ.
ވޯކްޝޮޕް ފައްޓަވައި ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ އެފަދަ ވޯކްޝޮޕްތަކަކީ ވަރަށް ވެސް މުހިންމު ވޯކްޝޮޕެތަކެއް ކަމަށާއި އެ ވޯކްޝޮޕްގެ އަލީގައި ވިޔަފާރީގެ ކަންތައްތަކުގައި އެއް ގައުމު އަނެއް ގައުމަށް ދިމާވެފައިވާ މައްސަލަތަކުގެ މެދުގައި މަޝްވަރާކޮށް އެކަންކަން ހައްލުކުރުމަށް ޓަކައި ކުރެވިދާނެ ކަންތައްތަކާ މެދު މަޝްވަރާކުރާނެ ކަމަށެވެ.
ތަކެތީގެ ކޮލެޓީ ހިފެހެއްޓުމުގެ މުހިންމު ކަމަށް އަލިއަޅުވާލައްވައި އަދި ވިދާޅުވީ އުފައްދާ ތަކެތީގެ ކޮލެޓީ ސްޓޭންޑަޑްތަކެއް ހިފެހެއްޓު މަށާއި ސަރަހައްދީ ގައުމުތަކުން ވެސް ގަބޫލްކުރާ މިންގަނޑުތަކެއް ކަނޑައެޅިގެން ދިއުމަކީ ދިވެހި ވިޔަފާރި ކުރިއަރުންވަން ބޭނުން ނަމަ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"އެބަހުރޭ ޔޫރަޕިއަން ޔޫނިއަނުން ސިއްހީ ކަންތައްތަކަށް ބަލާފައި ހަދާފައި ހުންނަ ވަރަށް ވަރުގަދަ ސްޓޭންޑަޑްތަކެއް. އެއީ ދުނިޔޭގެ އެންމެ މަތީ ފެންވަރު ހުންނަ ސުޓޭންޑަޑްތައް. އަޅުގަނޑުމެން މިހާރު ވެސް ވަރަށް ހިތްހަމަ ޖެހޭ އަޅުގަނޑުމެން ރާއްޖޭގައި އުފައްދައި ބޭރުކުރާ މަހަކީ ދުނިޔޭގެ އެންމެ ރަނގަޅު ފެންވަރަށް ހިފެހެއްޓިގެންދާ ކަންތައްތަކަށް ވީމާ. ނަމަވެސް އަޅުގަނޑުމެން އެބައުޅޭ މައްސަލައެއް މިސާލަކަށް އަޅުގަނޑުމެން ބޭރުކުރަމުންދާ އެއް ބާވަތެއް ކަމުގައިވާ ހިކިކަނޑު މަހުގެ ބާވަތްތައް މީގައި ވަރަށް ބޮޑު މައްސަލަތައް އެބަ ދިމާވޭ އޭގައި ބަލަން ޖެހޭ ސްޓޭންޑަޑްތައް ނޭނގޭތީ،" މިނިސްޓަރު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓުރީގެ އޮފިޝަލަކު ވިދާޅުވީ އެވޯކްޝޮޕްގައި ސާކްގެ ހުރިހާ ގައުމުތަކަކުން ވެސް ބައިވެރިވާ ކަމަށާއި އެ ވޯކްޝޮޕުގައި ވިޔަފާރީގެ ކަންތައްތަކުގައި ދިމާވާ ދަތިތަކުގެ އިތުރުން ރާއްޖޭގެ އިމްޕޯޓް އަދި އެކްސްޕޯޓްގެ ދާއިރާ އިން ބޭނުންވާ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރާނެ ކަމަށެވެ.
"މި ވޯކްޝޮޕްގައި ކަވާކުރާ ދާއިރާތަކުގެ ތެރޭގައި ސްޓޭންޑަޑްތަކުގެ މުހިންމުކަމާއި ވިޔަފާރީގައި އުޅުއްވާފަރާތްތަކަށް ދިމާވާ ޓެކްނިކަލް ބެރިއާސްތަކާ ބެހޭ ގޮތުން މަޝްވަރާކޮށް އެކަންތައްތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން ވާހަކަ ދެކެވޭނެ." އޭނާ ވިދާޅުވި އެވެ.