05 Sep 2012, 12:49
ރައީސް އޮފީހުން އެއްބާރުލުން ނުދޭ ކަމަށް ބުނެ ރާއްޖެ ޓީވީ އިން ރައީސް އޮފީހުގެ މައްޗަށް ދައުވާކޮށްފި އެވެ.
ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އަބްދުﷲ ޔާމީން މިއަދު ވިދާޅުވީ ރައީސް އޮފީހުގެ މައްޗަށް އެ ޗެނަލުން ދައުވާކޮށްފައި ވަނީ އެހެން މީޑިއާތަކާއި ރާއްޖެ ޓީވީއާ މެދު ތަފާތު ކުރުންތަކެއް ގެންގުޅެ، ރައީސް އޮފީހުގެ ނިއުސް ކޮންފަރެންސްތަކާއި މީޑިއާ އިވެންޓުތަކުގައި ރާއްޖެ ޓީވީ ބައިވެރިނުކުރާތީ ކަމަށެވެ.
"ރައީސް އޮފީހުގެ މައްޗަށް އަޅުގަނޑުމެން ދައުވާ ކޮށްފައި ވަނީ ރައީސް އޮފީހުން އަޅުގަނޑުމެންނަށް ތަކުރާރުކޮށް އެއްބާރުލުން ނުދޭތީ. އަޅުގަނޑުމެންނަކަށް މީޑިއާ އިވެންޓުތަކަށް ނުކިޔާ. ދެން އޭގެ އިތުރުން ރައީސް އޮފީހުގެ އެއްވެސް ޕްރެސް ކޮންފަރެންސަކަށް ނުކިޔުމުގެ އިތުރުން އަޅުގަނޑުމެންނަށް މައުލޫމާތު ނުދީ އެހެން މީޑިއާތަކާއި ރާއްޖެ ޓީވީއާ ތަފާތު ކުރުންތަކެއް ގެންގުޅޭތީ،" ޔާމީން ވިދާޅުވި އެވެ.
ރައީސް އޮފީހުގެ މައްޗަށް ދައުވާ ކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ކޮން ދުވަހަކުތޯ ދެންނެވުމުން ޔާމީން ވިދާޅުވީ މައްސަލަ ހުށަހެޅިތާ ދުވަސްކޮޅެއް ވެދާނެ ކަމަށެވެ.
ސިވިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރާއްޖެ ޓީވީން ރައީސް އޮފީހުގެ މައްޗަށް ދައުވާ ކުރާ މައްސަލަ ކޯޓަށް ބަލައިގެންފައިވާ ކަމަށެވެ.
ރައީސް އޮފީހުގެ މައްޗަށް ރާއްޖެ ޓީވީން ދައުވާ ކޮށްފައިވާ އިރު އެ ސްޓޭޝަނަށް އެއްބާރުލުން ނުދިނުމަށް ފުލުހުން ނިންމާފައިވާތީ ފުލުހުންގެ މައްޗަށް ވެސް ރާއްޖެ ޓީވީން ވަނީ ދައުވާ ކޮށްފަ އެވެ.
ރާއްޖެ ޓީވީން ރައީސް އޮފީހުގެ މައްޗަށް ދައުވާކޮށްފައިވާ އިރު މިހާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ފެބްރުއަރީ ހަތް ވަނަ ދުވަހު ފޮނުވާފައިވާ އެސްއެމްއެސްތަކެއް ކަމަށް ބުނާ މައުލޫމާތުތަކެއް ރާއްޖެ ޓީވީން އާންމު ކުރުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެ ޓީވީއާ ދެކޮޅަށް ފިޔަވަޅު އަޅައިފަ އެވެ.