05 Sep 2012, 12:21
ސްރީލަންކާގައި ބޭއްވުނު "އޭޝިޔަން އިންޓަނޭޝަނަލް ބީޗް ނެޓްބޯލް ޗެމްޕިއަންޝިޕް"ގައި ބައިވެރިވި ރާއްޖޭގެ ޤައުމީ ޓީމް ރިހި މެޑަލް ހޯދުމަށް ފަހު އިއްޔެ މާލެ އަތުވެއްޖެ އެވެ.
މިފަހަރުގެ މުބާރާތުން ގައުމީ ނެޓްބޯޅަ ޓީމް ހޯދި ކާމިޔާބީ އަށް މަރުހަބާ ދެއްނެވުމުގެ ގޮތުން ކުޅިވަރާ ބެހޭ މިނިސްޓަރު މުޙަންމަދު ޙުސައިން ޝަރީފް (މޮންދު) އިއްޔެ ވަނީ ހުޅުލެއަށް ވަޑައިގެން، ޓީމް ހޯދި ކާމިޔާބީ އަށް މަރުހަބާ ކިޔައިފަ އެވެ.
ޓީމާ ބައްދަލުކުރައްވައި މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ދިވެހި ރާއްޖެ އަށް ޓީމު ހޯދައިދިން ރީތި ނަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ. އަދި މި ލިބުނު މަތިވެރި ތަޖުރިބާގެ އަލީގައި މުސްތަގްބަލްގައި ބައިވެރިވާ ބައިނަލްއަޤުވާމީ މުބާރާތްތަކަށް ގަދައަޅައި މަސައްކަތް ކުރުމަށް އިލްތިމާސް ކުރެއްވި އެވެ.
ޓީމުގެ ފަރާތުން ވާހަކަފުޅު ދެއްކެވި ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް މުޙައްމަދު ނަބީލް ޓީމުގެ ކުޅުންތެރިންނާއި، އޮފިޝަލުން އަދި އެ އެސޯސިއޭޝަންގެ ފަރާތުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އަށް އަދި ވަކީން ޚާއްސަކޮށް މިނިސްޓަރަށް ޓީމު ސްރީލަންކާގައި ހޭދަކުރި ދުވަސްތަކުގައި ދިމާވި ގޮންޖެހުންތައް ހައްލު ކޮށްދެއްވީތީ ޝުކުރު އަދާ ކުރެއްވެވި އެވެ.
މިއީ މިހާތަނަށް ބައިނަލް އަގުވާމީ ނެޓްބޯޅަ މުބާރާތެއްގައި ރާއްޖެ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބު ކަމަށްވީ އިރު މިފަހަރުގެ މުބާރާތުން ރާއްޖެ ރަނަރަޕްކަން ހޯދި އިރު، މުބާރާތުގެ ފައިނަލަށް ރާއްޖެ ދިޔައީ ޕާކިސްތާނާއި އިންޑިއާ އަތުން މޮޅުވެގެންނެވެ.