05 Sep 2012, 12:15
ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޕޯޗުގަލްގެ އެފްސޯ ޕޯޓޯއަށް ކުޅެމުންދިޔަ ބްރެޒިލްގެ ފޯވަޑް ހަލްކް ރަޝިޔާގެ ޒެނިތް ސެއިންޓް ޕީޓާސްބާގްއަށް ބަދަލުވެއްޖެ އެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 26 އަހަރުގެ ހަލްކު ޒެނިތައް ބަދަލުވީ 40 މިލިއަމް ޔޫރޯގެ ފީއަކަށެވެ.
ހަލްކު ބުނެފައި ވަނީ، އޭނާ ރަޝިޔާގެ ޒެނިތައް ބަދަލުވެފައި ވަނީ އެކުލަބުގެ ހުށަހެޅުންތަކާ ހިތްހަމަޖެހޭތީވެ ކަމަށެވެ. އަދި ޒެނިތުގައި ހުރެގެން ވެސް ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމާ މެދު އުންމީދު ކުރާ ކަމަށް ވެސް ހަލްކު ބުނެފައިވެ އެވެ.
ހަލްކު ވަނީ ޕޯޓޯއަށް ކުޅުނުއިރު 103 މެޗުގައި 54 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފަ އެވެ. އަދި ހަލްކު ޒެނިތްއާ ގުޅުނު އިރު މީގެ ކުރިން އޭނާ ހޯދުމަށް ޗެލްސީ އިން ވެސް ވަނީ ވަރަށް މަސައްކަތް ކޮށްފަ އެވެ.
ހަލްކަކީ ޕޯޓޯ އާ އެކު ގިނަ ކާމިޔާބީތައް ހޯދާފައިވާ މޮޅު ފޯވާޑެކެވެ. އެގޮތުން އޭނާ އެންމެ ބޮޑަށް ވިދާލީ މިދިޔަ ސީޒަނުގެ ޔޫއެފާ ޔޫރޮޕާ ލީގުންނެވެ. އެ ސީޒަނުގައި ހަލްކު ވަނީ ޕޯޓޯއަށް އެމުބާރާތް ކާމިޔާބު ކޮށްދިނުމަށް އެހީތެރިވެދީފަ އެވެ.
ކުރިއަށް އޮތް ޔޫއެފާ ޗެމްޕިއަންސް ލީގަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ރަޝިޔާގެ މަހުޖަނަކު ހިންގާ ޒެނިތުން ބޮޑު އަގުގައި ހަލްކު ގެންގޮސްފައިވާ އިރު، މީގެ ކުރިން އެކުލަބުން ވަނީ ބެންފީކާ އަށް ކުޅެމުންދިޔަ ބެލްޖިއަމްގެ މިޑްފީލްޑަރު އެކްސެލް ވިސެލްވެސް ވަނީ 40 މިލިއަން ޔޫރޯގެ ފީއަކަށް ގެންގޮސްފަ އެވެ.