05 Sep 2012, 11:44
ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު އިއްތިހާދުން ކުރި މުޒާހަރާތަކުގެ ތެރޭގައި "ހަރުގަނޑެއް ބޭނުންކޮށްގެން ފާރެއްގެ މަތިން އަރައި އެތެރެއަށް ފުންމާލުމަށް" ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ގޮވާލައްވާފައިވާ މައްސަލާގެ ތަހުގީގަށް ދެވަނަ ފަހަރަށް މިއަދު އޭނާ ފުލުސް އޮފީހަށް ހާޒިރުކުރުމުން އެ ހަރުގަނޑުތައް ހަލާކުވެއްޖެ ކަމަށް ފުލުހުންނަށް ދަންނަވާފައި ވާކަމަށް އުމަރު ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު 10:00 ޖެހިހިރު އުމަރު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެން އެ މައްސަލާގައި ފުލުހުންނަށް ޖަވާބުދާރީވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ހަރުގަނޑުގެ ވާހަކަ އާއި ގުޅޭ ގޮތުން ފުލުހުން ސުވާލު ދެއްނެވުމުން ފުލުހުންނަށް ބަޔާނެއް ދެއްވި ކަމަށާއި އެ ބަޔާނުގައި އެ ހަރުގަނޑުތައް ބޭނުން ނުކޮށް ހުރުމުން ހަލާކުވެވެފައިވާ ކަމަށް ދެންނެވި ކަމަށެވެ.
"ހަރުގަނޑު މައްސަލާގައި ކުރިންވެސް ސުވާލުކުރި އަދި އެ މައްސަލާގައި މިހާރުވެސް ސުވާލު މިކުރެވުނީ ދެން އަޅުގަނޑު ދަންނަވާފައިވަނީ ހަރުގަނޑުތައް ބޭނުން ނުކޮށް ހުރެ ހުރެ މިހާރު ހަލާކުވެއްޖޭ. އެކަމާ ގުޅޭގޮތުން ބަޔާނެއްދީފައި އަޅުގަނޑު މިއައީ އެބޭފުޅުންގެ ސްޓޭޓުމަންޓަކު ވެސް ނެތް ހަރުގަނޑު ޖައްސަނީ ވަކިތަނެއްގައި ކަމަކަށް. އެ ސްކްރިޕްޓަގައި ނެތް ކޮން ތަނެއްގައެއް ކަމެއް ހަރުގަނޑު ޖައްސަނީ،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އޭނާ އެއްވެސް ތަނެއްގައި ހަރުގަނޑު ޖައްސާވާހަކަ ބުނި ކަމުގައި ވީނަމަވެސް އެއީ ކޮންތަނެއްކަން ނުބުނާތީ އޭނާގެ މައްޗަށް ސާބިތު ކުރެވޭނެ ކުށެއް އޮވެދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި މުޒަހާރާގައި ދެއްކެވި ވާހަކާގައި އެރޭ ބުނފައިވަނީ ހަރުގަނޑު ތައްޔާރުކުރާ ވާހަކައާއި ހަރުގަނޑު ޖައްސާ ވާހަކާއި ހަރުގަނޑު ޖައްސާފައި ފުންމާލަން ޖެހޭ ވާހަކަ ކަމަށެވެ.
އޭނާ ވިދާޅުވީ އެއް މައްސަލައެއްގައި ދެވަނަ ފަހަރަށް ފުލުސް އޮފީހަށް ހާޒިރުކުރުމުގައި ސިޔާސީ ހިކުމަތެއް އޮންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެއީ ކޯލިޝަން ސަރުކާރުގެ ތެރޭގައި ހިމެނޭ ޕާޓީތަކުގެ ވާދަވެރިކަމުގެ ސަބަބުނުން ދިމާވާ ކަމެއްކަމަށް ވެސް ވެދާނެ ކަމަށެވެ.
ކުރީގެ ރައީސް ނަޝީދުގެ ސަރުކާރައި ދެކޮޅަށް އެމްއެމްއޭ ސަރަހައްދުގައި 23 ޑިސެމްބަރު އިއްތިހާދުގެ ފަރާތުން ކުރަމުން ގެންދިޔަ ސިލްސިލާ މުޒާހަރާގައި މިއަހަރުގެ ޖެނުއަރީމަހުގެ 22 ވަނަދުވަހުރޭ ގެ ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ "މުޒާހަރާ ހަރަކާތަކަށް ބަދަލުކޮށް އެހަރަކާތުގެ ތެރެއިން 2000 ވޮލަންޓިއަރުން ނަގައި އެމީހުން ހަރުގަނޑެއް ހިފައިގެން ގޮސް ހަރުގަނޑުން އަރާ އަޅުގަނޑު ބުނާ ފާރުމަތިން ފުއްމާލަން،"ވެއްޖެ ކަމަށެވެ. ނަމަވެސް އެއީ ކޮން ފާރެއް މަތިން ފުންމާލާ ވާހަކައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އެމުޒާހަރަގައި ދެއްކެވި ވާހަކައާއި ގުޅިގެން ޖެނުއަރީ 26 ވަނަ ދުވަހު އުމަރު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރި އެވެ. ނަމަވެސް އެ ދުވަހު ފުލުހުން ކުރި ސުވާލުތަކަށް އޭނާ ޖަވާބު ދެއްވާފައެއްނުވެ އެވެ.