02 Sep 2010, 08:54
13:55
މިހާރު ހުރި ރަށްތައް ގެޒެޓު ނުކޮށް، ބޮޑު މަޝްވަރާތަކަކަށް ދާން ސަރުކާރުން ނިންމާފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ލަސްކުރަންވެގެން ކަމަށް ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމުގެ ކުރިން، މީހުން ދިރިއުޅޭ ރަށްތައް ކަނޑައަޅައި ގެޒެޓް ކުރުން ގުޅިފައި ވަނީ ޑީއާރްޕީއާއެކު ކުރެވޭ މަޝްވަރާތަކާ ކަމަށް ސަރުކާރުން ބުނަމުންދާތީ، އެކަމާ ގުޅޭ ގޮތުން ތަސްމީނަށް ސުވާލު ދެންނެވުމުން ވިދާޅުވީ، އެފަދަ މަޝްވަރާތަކަކަށް ޑީއާރްޕީއަށް ދައުވަތު ލިބިފައިވާ ކަމަށެވެ. އަދި ޑީއާރްޕީން އެކަމަށް އެއްބާރުލުން ދިން ނަމަވެސް، ކަންބޮޑުވާ ކަންތައްތަކެއް އެބަހުރިކަން ތަސްމީން ފާހަގަކުރެއްވި އެވެ.
އެގޮތުން، ރަށްރަށް ގެޒެޓުކުރެވިފައި އޮންނަންވާނެ ކަމަށް ކައުންސިލްތަކުގެ އިންތިހާބުގެ ޤާނޫނުގައި ބުނާ މާއްދާގައި ހިފައިގެން، ސަރުކާރުން މަސައްކަތްކުރަމުންދަނީ އިންތިހާބު ލަސްކުރުމަށް ކަމަށް ވިދާޅުވެ، އެކަމާ މެދު ތަސްމީން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ތަސްމީން ވިދާޅުވީ، މިހާރު ހުރި ރަށްރަށް ގެޒެޓްކޮށްފައި، އިންތިހާބެއް މިހާރު ބޭއްވި ކަމުގައި ވިޔަސް، ރައްޔިތުންގެ ތާއީދާއެކު އިދާރީ ދާއިރާތައް އެއްކޮށްލާ ރަށްރަށް ގެޒެޓްކުރުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ފަހުން ވެސް އޮންނާނެ ކަމަށެވެ. އެހެންކަމުން މިހާރު އެގޮތަށް ކަންތައް ނުކުރައްވާ، ބޮޑު މަޝްވަރާއަކަށް ގޮސް އިންތިހާބު ލަސްކުރަން ސަރުކާރުން އުޅޭ ސަބަބެއް ކަމަށް ތަސްމީން ވިދާޅުވަނީ، ވެރިކަންކުރާ އެމްޑީޕީއަށް މިހާރު މި އޮތް ސިޔާސީ މާހައުލު ފަހުން އިތުރަށް ފަހިވެގެންދާނެ ކަމަށް ސަރުކާރަށް ގަބޫލުރެވޭތީ ކަމަށެވެ.
ތަސްމީން އަދި ވިދާޅުވީ، ރައްޔިތުން ތިބީ މިހާރު ހިނގާ ކަންކަމަށް މާބޮޑަށް ލޯ ހުޅުވިފައި ކަމަށްވާތީ، އިންތިހާބު ލަސްކޮށް ކައުންސިލަރުން އަތްމަތީ ބާރު ދެމެހެއްޓުމަށް ސަރުކާރުން ކުރާ މަސައްކަތެއްގެ ސަބަބުން ސިޔާސީ ފައިދާތަކެއް ހާސިލްނުކުރެވޭ ކަމަށެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވެފައި ވަނީ، އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ ލިސްޓާއި މީހުންގެ ރަޖިސްޓްރީ ގެޒެޓް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ނަމަވެސް، އެންމެ ބޮޑު އިދިކޮޅު ޕާޓީން އެކަމުގައި ފިކުރުތަކެއް ގެންގުޅޭތީ އެކަން ފައިނަލް ކުރުން ބިނާވަނީ ޑީއާރްޕީ އާއެކު ކުރެވޭ މަޝަވަރާތަކުން ނުކުންނަ ނަޖީއެއްގެ މައްޗަށް ކަމަށެވެ.