05 Sep 2012, 11:05
އިބުރާހިމް ނާސިރު އިންޓަނޭޝަލަ އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް ހަވާލުކޮށްފައިވާ ޖީއެމްއާރު ގްރޫޕަށް ރާއްޖޭން ކުރިމަތިވެފައިވާ މައްސަލައް ހައްލުކޮށްދިނުމަށް އިންޑިއާ ސަރުކާރުން ދިވެހިސަރުކާރުގައި އެދިއްޖެ އެވެ.
އިންޑިއާގެ ދަ އިކޮނޮމިކް ޓައިމްސް ނޫހުން ބުނީ ޖީއެމްއާރުގެ މައްސަލަ ދިވެހި ސަރުކާރަށް ހުށައެޅީ އިންޑިއާ އަށް ވަޑައިގެންނެވި ރާއްޖޭގެ ސިވިލް އޭވިއޭޝަން މިނިސްޓަރު އަހުމަދު ޝަމްހީދު އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު އަޖިތު ސިންގްއާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ކަމަށެވެ.
އިކޮނޮމިކްސް ޓައިމްސް އިން ބުނީ ޖީއެމްއާރުގެ މައްސަލަ ހައްލުކުރުމަށް ދިވެހި ސަރުކާރުގައި އެދިފައިވާކަން އިންޑިއާ ސަރުކާރުން ނެރުނު ރަސްމީ ބަޔާނެއްގައި ހާމަކޮށްފައިވާ ކަމަށެވެ.
"ކުރިއަށްދާ މައްސަަލަތަކުގެ ތެރޭގައި ޖީއެމްއާރާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ހިމެނޭ ޑިވެލޮޕްމެންޓް ޗާޖް ނެގުމަކީ ގާނޫނާ ހިލާފު ކަމެއް ކަަމަށް ރާއްޖޭގެ ކޯޓަކުން ކަނޑައެޅުމާއި އެއްބަސްވުމުގައި ނުހިމެނޭ އިތުރު ރަންވޭއެއް ބިނާކުރުމަށް ދިވެހި ސަރުކާރުން އެދެމުން ދިއުން ހިމެނެ އެވެ." އިންޑިއާ ސަރުކާރުގެ ބަޔާނުގައިވާ ކަމަށް އިކޮނޮމިކް ޓައިމްސްގައިވެ އެވެ.
ކުރީގެ ސަރުކާރުން އެއާޕޯޓް ތަރައްގީކޮށް ހިންުގުން ޖީއެމްއާރާ ހަވާލުކުރުމުން އޭރުގެ އިދިކޮޅުފަރާތްތަކުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި ވެރިކަން ބަދަލުވެ، އޭރުގެ އިދިކޮޅު ފަރާތްތައް ސަރުކާރުގެ ތެރެއަށް އައި ފަހުން ޖީއެމްއާރަށް ދަނީ ގިނަ ފިއްތުންތަކެއް ކުރިމަތި ކުރަމުންނެވެ. އެއްބަސް ވުން އުވާވެސް ނުލައި، އެއާޕޯޓް ތަރައްގީކުރުމުގެ ފުރުސަތު ވެސް ނުދީ ވާއިރު އެކަމުގެ ސަބަބުން އެކުންފުންޏަށް ބޮޑެތި ގެއްލުންތައް ވަމުންދާކަމަށް އެކުންފުނިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.