05 Sep 2012, 10:25
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސައިން ޝަންހާއީ އާބަން ޕްލޭނިންގް އެގްޒިބިޝަނަށް ޒިޔާރަތް ކުރައްވައިފި އެވެ.
ޝަންހާއީއަކީ ދުނިޔޭގެ ނިސްބަތުން ބޮޑު ސިޓީއަކަށްވެފައި ޝަންހާއީ ޒަމާނީ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރެވިފައިވާ މަރުޙަލާތައް ބައްލަވާލެއްވުމަށް ރައީސްގެ ދެކަނބަލުން އިއްޔެ ހެނދުނު އެގްޒިބިޝަންއަށް ވަޑައިގެންނެވުމުން އެގްޒިބިޝަންގެ ފަރާތުން ރައީސްގެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ވިދާޅުވީ އެގްޒިބިޝަންގެ ޑިރެކްޓަރު މިސްޓަރު ލިއު ބޯއެ އެވެ.
ރައީސްގެ ދެކަނބަލުންނަށް މި އެގްޒިބިޝަންގެ ފަރާތުން ޝަންހާއީ ސިޓީގެ ތަރައްގީގެ ވަރަށް ފުރިހަމަ ތްރީޑީ ޕްރެސެންޓޭޝަނެއް ވަނީ އަރުވާފަ އެވެ.
ރައީސްގެ ދެކަނބަލުން ޝަންހާއީ އާބަން ޕްލޭނިން އެގްޒިބިޝަން ބައްލަވާލެއްވުމަށް ފަހު އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވި އެވެ.
މީގެ އިތުރުން އިއްޔެ މެންދުރު ޝަންހާއީ ސިޓީގެ މޭޔާ މިސްޓާ ހަން ޒެން ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވި އެވެ. މި ފަރިއްކޮޅު އޮތީ ޝަންހާއީގެ މޭޔަރުގެ ރަސްމީ އޮފީހުގަ އެވެ.
މިފަރިއްކޮޅުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ޝަންހާއީ އާބަން ޕްލޭނިން އެގްޒިބިޝަން ބައްލަވާލެއްވުމުން ޝަންހާއީ އާއި މާލޭ ސިޓީއާ ތޮއްޖެހުމުގައި ވަރަށް އެއްގޮތްކަން ފާހަގަކުރެވޭ ކަމުގައި ވިދާޅުވެފައިވެ އެވެ. ނަމަވެސް ޝަންހާއީ ސިޓީއާ އަޅާ ބަލާއިރު މާލޭ ސިޓީއަކީ ވަރަށް ކުޑަ ތަނެއް ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ޝަންހާއީގެ ތަރައްގީގެ ދަތުރުން ހާސިލް ކުރެވިފައިވާ ފިލާވަޅުތަކުގައި ރާއްޖެ އަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ވަރަށް އެދެވޭ ގިނަ ތަޖުރިބާތަކެއް ވާކަން ފާހަގަކުރެއްވި އެވެ. އަދި މިކަމުގައި މޭޔަރުގެ އެއްބާރުލެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
ޝަންހާއީ ސިޓީގެ މޭޔަރުގެ ވާހަކަފުޅުގައި ރާއްޖޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމުގައި ވެދެއްވެން އޮތް އެންމެ މަތީ ދަރަޖައަކަށް އެހީތެރިވެދެއްވާނެ ކަމުގައި ވިދާޅުވި އެވެ.