ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރުމަކީ ސަރުކާރަށް ލިބިގެންވާ ބާރެއް ނޫންކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތް ހެދުމަށް އެމަނިކުފާނުގެ މައްޗަށް މިސަރުކާރުން ދައުވާ ކުރާ ކަމަށް ބުނެ އެކަމާ ދެކޮޅަށް ފުޅާދާއިރާއެއްގައި އިހުތިޖާޖުތަކެއް ކުރުމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމެޓީން ރޭ ފާސްކުރި ގަރާރަށް ރައްދު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު އަހުމަދު ތައުފީގު ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ތިންބާރު އޮތީ ވަކިވެފައި ކަމަށެވެ.

ތައުފީގު ވިދާޅުވީ ތިންބާރު ވަކިވެފައިވާ މި ނިޒާމުގައި ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމަކީ ސަރުކާރަށް ލިބިގެންވާ ބާރެއް ނޫން ކަމަށާއި އެއީ ހަމައެކަނި ޕްރޮސެކިއުޓާ ޖެނެރަލް އަށް ލިބިގެންވާ ބާރެއްކަމަށެވެ.

އޭނާ ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލް ދައުވާ ކުރައްވަނީ އެއީ ވަކި ނަޝީދު ވެގެނެއް ނޫން ކަމަށާއި ނަޝީދު ވިޔަސް އަދި ކޮންމެ މީހަކު ވެސް ކުށެއް ކޮށްފި ނަމަ އެކަމެއް ތަހުގީގުކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި ނަމަ އެ މީހެއްގެ މައްޗަށް ދައުވާ ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ނަޝީދަކީ ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ވާތީ އެއީކީ އެމަނިކުފާނަށް ކުށުން ބަރީއްޔަ ވެވޭނެ ސަބަބެއް ނޫން ކަމަށާއި ނަޝީދު ކުށްނުކުރައްވައި ހުންނެވި ނަމަ އެމަނިކުފާނުގެ މައްޗަށް ދައުވާ ނުކުރާނެ ކަމަށެވެ.

"އެއްވެސް މީހަކީ ގާނޫނާއި ގަނޫނު އަސާސީގެ މަތީގައި ހުންނާނެ މީހެއް ނޫން. ކުރީގެ ރައީސްކަން ކުރައްވާފައި ހުރި ބޭފުޅެއް ވިޔަސް ކުށެއް ކުރައްވާފައިވާ ނަމަ އެކުށުން ބަރީއަވާނެ ކަމުގެ އުންމީދު ކޮށްގެންނުވާނެ. ކުށް ނުކޮށް ހުރުން އެއީ ކުށްވެރި ނުވާނެ ގޮތަކީ. މިސާލަކަށް މީހަކު ކިތަންމެ ބޮޑު ޖަރީމާއެއް ހިންގާފައި ސިޔާސީ މީހެކޭ ކިޔާފައި ކިހިނެތްތޯ އަދުލު އިންސާފުން އެއްކިބާވެގެން ހުންނާނީ. ސަރުކާރަކުން އަތްބާނައިގެން ކުރާކަމެއް ނޫން އެއީކީ. ކަމާބެހޭ މުއައްސަސާތަކުން ތަހުގީގުކޮށްފައި ޕްރޮސެކިއުޓާ ޖެނެރަލް އަށް ފޮނުވަމުން ޝަރީއަތަށް ފޮނުވަމުން ދާނެ. އެއީކީ ނަޝީދު ވެގެން ނޫނީ އެހެން ބޭފުޅަކު ވެގެން ވާކަމެއް ނޫން،" ތައުފީގު ވިދާޅުވި އެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމްގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ރޭ ރައީސް ނަޝީދު ދެއްކެވި ވާހަފުޅަށް ރައްދުދެއްވަމުން ތައުފީގު ވިދާޅުވީ އެއީ ރައްޔިތުންގެ ކުރިމަތީގައި ޝަރުއީ ނިޒާމްގެ އަގު ވައްޓާލަން ދައްކާ ވާހަކަތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމަކީ ވަރަށް އަދުލުވެރި އިންސާފުވެރި ވަރަށް ވަރުގަދަ ނިޒާމެއް ކަމަށާއި މިހާރު ގާނޫނު އަސާސީ ބައްޓަންވެފައި އޮތީ ވެސް ސަރުކާރަށް ޝަރުއީ ނިޒާމަށް ނުފޫޒު ނުފޯރުވޭނެ ގޮތަށް ކަމަށެވެ.

"މިރާއްޖޭގައި މިއޮތް ޝަރުއީ ނިޒާމަކީ ވަރަށް އަދުލުވެރި އިންސާފުވެރި ވަރަށް ވަރުގަދަ ޝަރުއީ ނިޒާމެކޭ. މިހާރު ގާނޫނު އަސާސީ ބައްޓަން ކުރެވިފައި އޮތް ގޮތުން ސަރުކާރަކަށް ޝަރުއީ ނިޒާމަކަށް ނުފޫޒު ނުފޯރުވޭނެ. އެއީ ތާކުންތާކު ނުޖެހޭ ވިޔާނުދާ ވާހަކަޔެއް. އެއީ ރައްޔިތުންގެ ކުރިމަތީގައި ޝަރުއީ ނިޒާމްގެ އަގު ވައްޓާލަން ދައްކާ ވާހަކައެއް. ވަރަށް ސާފުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. ވަހީދު ވިދާޅުވެފައި މިއޮންނަނީ އެ މަނިކުފާނު ޝަރީއަތުގެ ތެރެއަށް ވެދެވަޑައިނުގަންނަވާނަމޭ،" ތައުފީގު ވިދާޅުވި އެވެ.