ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޗައިނާގެ ޝަންހާއީގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފި އެވެ.

ދިވެހިރާއްޖޭގައި އިންވެސްޓު ކުރުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާ މަޝްހޫރު 13 ކުންފުންޏެއްގެ ޗެއާމަނުންނާއި ސީއީއޯ ފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެން މި ބައްދަލުވުން އޮތީ އިއްޔެ ހަވީރުގެ ވަގުތެއްގައި ރައީސް ހުންނަވާ ޝަންހާއީ ސްޓޭޓް ގެސްޓް ހައުސްގައި ކަމަށް ރައީސް އޮފީހުން ބުންޏެެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު ހުރި ދާއިރާތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފަތުރުވެރިކަމުގައި ޗައިނާގެ ފަތުރުވެރިންނަށް ހާއްސަަކޮށް ޕްރޮޕަޓީއެއް ތަރައްގީކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖެއަކީ އިންވެސްޓް ކުރުމަށް ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ ގައުމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ދެ ގަޑިއެއްހާ އިރަށް ދެމިގެން ދިޔަ ބައްދަލުވުމުގައި އިންވެސްޓަރުންގެ ސުވާލުތަކަށް ރައީސް ފުރުސަތު ދެއްވި އެވެ.

މިބައްދަލުވުމުގައި ރައީސްގެ އަރިހުގައި ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބު އަބްދުލްޣަފޫރާއި، ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ.