05 Sep 2012, 09:52
ބިއްރުއްސަބްޢު (ސެޕްޓެމްބަރ 5): ފަލަސްތީނުގެ ރަށެއްކަމަށްވާ ބިއްރުއްސަބްޢުގެ ތާރީޚީ މިސްކިތުގެ ހަރިންމަ ތެރޭގައި އިސްރާއީލުން ބާއްވަންއުޅުނު ބަނގުރަލުގެ ޙަފްލާ އިސްރާއީލުގައި ހިމެނޭ ފަލަސްތީނު ދަރިކޮޅުގެ މީހުންގެ އާދަޔާ ޚިލާފު ދެކޮޅުހެދުންތަކާއި އިޙްތިޖާޖްތަކާ އަދި ފިއްތުންތަކާ ގުޅިގެން އެންމެ ފަހުން ކެންސަލްކޮށްފި އެވެ.
ބަނގުރަލުގެ މިޙަފްލާ ބާއްވާގޮތަށް ހަމަޖައްސާފައި ވަނީ މިއަދާއި މާދަމާ އެވެ. މިޙަފްލާގައި، އިސްރާއީލުގައި ބަނގުރަލުގެ ވިޔަފާރިކުރާ އެންމެ މަޝްހޫރު 30 ކުންފުންޏަކުން ބައިވެރިވެ އެކުންފުނުތަކުގައިވާ ބަނގުރަލުގެ ކޮލިޓީއާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ދައްކާލުމަށް ވެސް ވަނީ ރާވާފަ އެވެ. ނަމަވެސް އިޙްތިޖާޖްތަކާ ގުޅިގެން އިސްރާއީލުގެ ސަރުކާރުން އިއްޔެ ބުނީ މިކަމުގެ ސަބަބުން ހަމަނުޖެހުމަށް މަގުފަހިވެދާނެ ކަމުގެ ބިރުއޮތުމުން ޙަފްލާ ކެންސަލްކުރީކަމުގަ އެވެ.
ބިއްރުއްސަބްޢުގެ ތާރީޚީ މިސްކިތުގެ ހަރިންމަ ތެރޭގައި އިސްރާއީލުން ބާއްވަންއުޅުނު ބަނގުރަލުގެ ޙަފްލާއާ ދެކޮޅަށް އިސްރާއީލުގެ ރައްޔިތުންގެ ގޮތުގައި އިސްރާއީލުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ތެރޭން އެކްޓިވިސްޓުންތަކެއް ތެދުވީ އާދަޔާ ޚިލާފު ހިއްވަރަކާއި ރޭވުންތެރިކަމަކާ އެކު އިސްރާއީލު ކަންބޮޑުވާ ފަދަ ގޮތަކަށެވެ. މިގޮތުން އިސްރާއީލެވެކިޔާ ޔަހޫދީ ދައުލަތް މިހާރު ޤާއިމްކޮށްފައިވާ ފަލަސްތީނުގެ ބިމުގައި (1948ގައި އިސްރާއީލުން ހިފި ފަލަސްތީނުގެ ބިންތަކުގައި) އިސްރާއީލުގެ ރައްޔިތުންގެ ގޮތުގައި ދިރިއުޅެން މަޖްބޫރުވެފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އެތަށްބަޔަކު ވަނީ އިސްރާއީލުގެ އެތެރޭގެ އެތަށް ސަރަޙައްދެއްގައި ވަރުގަދަ އިޙްތިޖާޖްތަކެއްކުރުމަށް ރާވާފަ އެވެ.
މިއިޙްތިޖާޖްތަކުގައި ފަލަސްތީނުގެ އެތަށް ހާސްބަޔަކު ބައިވެރިވުމަށް ތައްޔާރުވަމުން ދަނިކޮށް ބަނގުރަލުގެ ހަފްލާ ކެންސަލްކުރުމަށް އިސްރާއީލުން ނިންމީ މިކަމުގެ ސަބަބުން ހަމަނުޖެހުމަށް މަގުފަހިވެދާނެކަމުގެ ބިރުއޮތުމުންކަމަށް އިސްރާއީލުގެ މަސްއޫލުވެރިއަކު ވިދާޅުވި އެވެ. މީގެއިތުުރުން މިކަމަކީ ދީނީ ޢަޤީދާއާއި އިސްލާމް ދީނުގެ ކަރާމާތާ ގުޅިފައިވާ ކަމަކަށްވާތީ މިޙަފްލާގެ ސަބަބުން އިސްރާއީލުގެ ރައްޔިތުންގެ ގޮތުގައިތިބި ފަލަސްތީނު ދަރިކޮޅުގެ މީހުންގެ ހިތްތަކުގައި ނުރުހުމާއި ނަފްރަތު މިހާރަށް ވުރެ ބޮޑަށް އުފެދި ޔަހޫދީންނާއި ފަލަސްްތީނުގެ ދަރިކޮޅުގެ މީހުންނާދެ މެދު ބަދަލުހިފުމުގެ ރޫޙު އިތުރަށް ބޮޑުވާނެ ކަމުގެ އިންޒާރު ވެސް ފަލަސްތީނު ދަރިކޮޅުގެ މުސްލިމް އެކްޓިވިސްޓުން އިސްރާއީލަށްވަނީ ދީފައެވެ.
ބަނގުރަލުގެ ޙަފްލާއާދެކޮޅަށް ތެދުވި ފަލަސްތީނު ދަރިކޮޅުގެ އެކްޓިވިސްޓިވިސްޓުން ވަނީ ބިއްރުއްސަބްޢުގެ ތާރީޚީ މިސްކިތުގެ ކައިރީގައި ކޭޕްޖަހައި އެކޭންޕްގައި ވެސް އިޙްތިޖާޖްތަކެއް ކުރިޔަށް ގެންގޮސްފައެވެ. މިމިސްކިތްހުރި ފަލަސްތީނުގެ ބިއްރުއްސަބްޢު އަކީ 1948 ގައި ފަލަސްތީނުގެ ބިމުގައި އުފެދިގެން ދިޔައިރު ޔަހޫދީ ޖަމާއަތްތަކުން ހިފި ފަލަސްތީނުގެ ރަށެެކެވެ. ނަމަވެސް މިރަށް މިހާރު ހިމެނެނީ އިސްރާއީލުގެ ސަރަޙައްދުގެ ތެރޭގަ އެވެ. މިރަށުގައި ފަލަސްތީނު ދަރިކޮޅުގެ 5000 މީހުން ދިރިއުޅޭ އިރު މިރަށުގެ ޔަހޫދީންނަކީ 1800 އާއި 1900ގެ އަހަރުތަކުގައި ޔޫރަޕުން ފަލަސްތީނުގެ ބިމަށް ހިޖްރަކުރި ޔަހޫދީންނެވެ.
ބަނގުރަލުގެ ޙަފްލާ އުވާލި ނަމަވެސް ބިއްރުއްސަބްޢުގެ ތާރީޚި މިސްކިތުގެ މުންނާރުން ތާޅަފިލި ބޭނުންކޮށްގެން ބަންގިގޮވުން އިސްރާއީލުން އަދިވެސްވަނީ މަނާކޮށްފަ އެވެ. ފަަލަސްތީނު ދަރިކޮޅުގެ އެކްޓިވިސްޓުންވަނީ ބަންގިދިނުމުގެ ހުއްދައަށް އެދިކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް ބުނެފަ އެވެ. (އަލްޖަޒީރާ)