ލަންޑަން (ސެޕްޓެމްބަރ 5): އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން އޭނާގެ ކޯލިޝަން ސަރުކާރުގެ ކެބިނެޓަށް އިއްޔެ ބަދަލުތަކެއް ގެންނަވައިފި އެވެ.

ކެމެރޮން، އިނގިރޭސި ސަރުކާރުގެ ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި ޚާރިޖީ ވަޒީރު ވިލިޔަމް ހޭގް އާއި ދާޚިލީ ވަޒީރާ ޓެރޭޒާ މާއި އާއި މާލީ ވަޒީރު ޖޯޖް އޮޒްބޯން ހިމެނިވަޑައެއް ނުގަންނަވަ އެވެ. އެބޭފުޅުން ތިއްބެވީ ކުރިން ވެސް އެބޭފުޅުން ތިއްބެވި މަޤާމްތަކުގަ އެވެ. މީގެތެރެ އިން ޖޯޖް އޮޒްބޯންއަކީ ރައްޔިތުންގެ ތާއީދުނެތް ބޭފުޅެއްކަން ހާމަވެފައިވާ ބޭފުޅެއް ނަމަވެސް އިނގިރޭސިވިލާތަށް މިހާރު ކުރިމަތިވެފައިވާ މާލީ މައްސަލަތަކަށްބަލާ އިރު މިވަގުތު އޮޒްބޯން މާލީ ވަޒީރުކަމުގައި ބެހެއްޓެވުން ރަނގަނޅު ކަމަށް ކެމެރޮން ދެކެވަޑައިގަންނަވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކެމެރޮން ކެބިނެޓަށް ގެންނެވި ބަދަލުގެ ތެރޭގައި ކަލްޗާ މިނިސްޓަރު ގެރިމީ ހާންޓް ހެލްތް މިނިސްޓަރު ކަމަށް ބަދަލުކުރެއްވުމާއި ޓްރާންޕޯޓް މިނިސްޓަރު ޖެސްޓިން ގްރިނީގް އިންޓަނޭޝަނަލް ޑިވެލޮޕްމަންޓާ ބެހޭ މިނިސްޓަރު ކަމަށް ބަދަލުކުރުމާއި ޓްރާންޕޯޓް މިނިސްޓަރު ކަމަށް ޕެޓްރިކް މެކްލޮލެން ހަމަޖެއްސެވުން ހިމެނެ އެވެ.

ޑެވިޑް ކެމެރޮން އޭނާގެ ކޯލިޝަން ސަރުކާރުގެ ކެބިނެޓަށް މިބަދަލުތައް ގެންނެވީ އިނގިރޭސިވިލާތަށް ކުރިމަތިވެފައިވާ މާލީ މައްސަލަތައް ހައްލުކުރުމުގައި ކެމެރޮން ނާކާމިޔާބުވެ ވަޑައިގަތުމާ ގުޅިގެން އޭނާގެ ތާއީދާއި މަޤްބޫލުކަން އިނގިރޭސި ރައްޔިތުންގެ މެދުގައި ކުޑަވަމުންދާ ދުވަސްވަރެއްގަ އެވެ. ކެމެރޮން މިބަދަލުގެންނެވީ 2015ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢާންމު އިންތިޚާބުގެ ކުރިން މާލީ މައްސަލަތައް ހައްލުކުރުމުގައި ކާމިޔާބެއް ހޯއްދެވުން ކަމަށް މުޙައްލިލުން ދެކެ އެވެ.

މިފަދަ ކާމިޔާބެއް ނުހޯދިއްޖެ ނަމަ 2015ގެ އިންތިޚާބު ކާމިޔާބު ކުރުމަށް އޭނާ ނިސްބަތްވެވަޑައިގަންނަވާ ކޮންޒަވެޓިވް ޕާޓީ ހިމެނޭ ކޯލިޝަނަށް ވަރަށް ދަތިވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)