ވަގަށްނަގާފައިވާ ގިނަ އަދަދެއްގެ ލޯ ނަރުތަކަކާ އެކު ތިން މީހަކު އައްޑޫ ސިޓީން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު މަރަދޫން ހުށަހެޅި ވައްކަމުގެ މައްސަލައަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 27 އަހަރާއި 33 އަހަރު އަދި 63 އަހަރުގެ ތިން ފިރިހެނުން ކަމަށެވެ.

ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އެ ލޯ ނަރުތައް ފުލުހުން ހޯދާފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އުމުރުން 63 އަހަރުގެ މީހާ ދިރިއުޅޭ ގެ ބަލައި ފާސްކުރަމުން ދަނިކޮށް އެގޭގެ ގޯތި ތެރޭގައި ވަޅުލާފައި ހުއްޓަ އެވެ.

މީގެއިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އަނެއް ދެ މީހުންނަކީ ވައްކަމުގެ މައްސަލަތަކުގެ ރިކޯޑްސް އޮތް ދެ މީހުން ކަމަށާއި މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހާއި 30 ވަނަ ދުވަހު އައްޑޫ ސިޓީގައި ހިނގި ދެ ވައްކަމެއްގައި ވެސް އެ ދެ މީހުން ހިމެނޭ ކަަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.