05 Sep 2012, 00:14
ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓު އެއްވެސް ގައުމަކުން ބަލައިގެންފައި ނުވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އުސްފަސްގަނޑުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިނގިރޭސި ސަރުކާރާއި އޮސްޓްރޭލިއާ ސަރުކާރުގެ އިތުރުން ޔޫރަޕްގެ އިއްތިހާދުން ވެސް ހަމައެކަނި އެ ރިޕޯޓު ޝާއިއުކުރިކަން ފާހަގަ ކުރީކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމަކުން އެ ރިޕޯޓު ބަލައިގެންފައި ނުވާ އިރު އަވަށްޓެރި އިންޑިއާ އިން އެ ރިޕޯޓާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައި ނުވާ ކަމަށެވެ.
"އެރިޕޯޓު [ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީގެ ރިޕޯޓު] ބަލައިގަތް ކަމަށް އެއްވެސް ގައުމަކުން ނުބުނޭ. އިނގިރޭސި ސަރުކާރުން ބުނެފައި ވަނީ އެ ރިޕޯޓު ޝާއިއުކުރިކަން ސަރުކާރުން ފާހަގަކޮށްފީމޭ. އޮސްޓްރޭލިއާ ސަރުކާރުން ވެސް އެކަން ވަނީ ފާހަގަކޮށްފައި. ކެނެޑާ ސަރުކާރުން ވެސް ވަނީ އެކަން ފާހަގަކޮށްފައި. ޔޫރަޕްގެ އިއްތިހާދުން ވެސް ވަނީ އެކަން ފާހަގަކޮށްފައި. ގާތުންވާ އިންޑިއާ އިން އެއްވެސް އެއްޗެއް ނުބުނުއްވާ،" ނަޝީދު ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރާ މައްސަލައަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ޝަރީއަތް ހިންގާ ނިންމާލެވޭނެ ކަމަށް ގަބޫލުފުޅު ނުކުރެވޭ ކަމަށެވެ.
"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެކަން [އަޅުގަނޑުގެ ޝަރީއަތް] އެބޭފުޅުންނަށް ހިންގާ ގެންގޮސް ނިންމާލެވޭނެ ކަމަކަށް،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ޝަރިއަތް ހިންގަން ފަށައިފިނަމަ ރާއްޖޭގެ ޝަރުއީ ނިޒާމް އޮތް ގޮތް މުޅި ދުނިޔޭގެ ސަމާލުކަމަށް އަންނާނެ ކަމަށެވެ. އަދި ރާއްޖޭގެ ޝަރުއީ ނިޒާމާ ބެހޭ ގޮތުން ބޭރުގެ އެކި މީހުން ލިޔެފައިވާ ގިނަ ރިޕޯޓުތަކެއް އެބަހުރި ކަމަށާއި އެއިން އެއްވެސް ރިޕޯޓެއްގައި ރާއްޖޭގެ ކޯޓުތަކަކީ އިންސާފު ހޯދައިދޭ ތަނެއްގެ ގޮތުގައި ފާހަގަކޮށްފައި ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ޝަރީއަތް ހިންގަން އުޅޭތީ އެކަމާ ކަންބޮޑުވެވަޑައި ނުގަންނަވާކަމަށާއި އެމަނިކުފާނުގެ ޝަރީއަތް ކުރިއަށްދާން ފެށުމުން ކޯޓުތަކުގައި މަސައްކަތް ކުރުމުގެ އުސޫލެއް ނެތްކަމާއި ކޯޓުތަށް ހިންގަނީ ސިޔާސީ ނުފޫރުގެ ތެރޭގައި ކަން އެނގިގެން ދާނެ ކަމަށެވެ.
"އަޅުގަނޑު ކަންބޮޑު ނުވަނީ އަދި އަޅުގަނޑަށް ހިތްހަމަ ނުޖެހުން ލިބެނީ ޝަރީއަތް އަވަސްކޮށްގެން ކުރިއަށް ގެންދެވުނީމަ އެކަމުގެ ތެރޭގައި ފެންނާނެ ކިތަންމެ ހަގީގަތެއް. ކޯޓުތަކުގެ މަސައްކަތް ކުރުމުގެ އިޖުރާއަތްތައް ނެތްކަމާއި އެ ކޯޓުތަށް ހިންގަނީ ވަކި އުސޫލުތަކާއި ހަމަތަކުގެ މައްޗަށް ބިނާކުރުމަށްވުރެ ބޮޑަށް ސިޔާސީ އެކި އެކި ނުފޫގެ ތެރޭގައި ކަން،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވާދާ ކުރެއްވޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނުކުރައްވާކަމަށާއި އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައި ކާމިޔާބު ވެސް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުގެ ހިތުގައި ކުޑަވެސް ޝައްކެއް ނުހިނގާ އަޅގަނޑުމެން އިންތިޚާބުގައި ބައިވެރިވާނެ ކަމާއި އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި ހުންނާނީ އަޅުގަނޑު ކަން އަޅުގަނޑުގެ ހިތުގައި ކުޑަކޮށް ވެސް ޝައްކެއް ނުހިނގާ. އިރާދަ ކުރެއްވިއްޔާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ނުކުމެ އެ އިންތިޚާބު ކާމިޔާބު ކުރާނީ އަޅުގަނޑު،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް މާދަމާއިން ފެށިގެން މަސައްކަތް ފަށާނެ ކަމަށާއި ދެން އެ މަސައްކަތް ހުއްޓާލައްވާނީ 2013 ވަނަ އަަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު އެވެ. އެގޮތުން މާދަމާ ރޭ ރ. އަތޮޅު އަލިފުއްޓަށް ދަތުރުފުޅެއް ކުރައްވަން ނިންމަވާފައިވާ ކަމަށާއި އެ ދަތުރުފުޅުގައި އެއަތޮޅުގެ ފަސް ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކޯނީގެ ރިޕޯޓް އެއްވެސް ގައުމަކުން ގަބޫލު ނުކުރާ ކަމަށް ނަޝީދު ވިދާޅުވިއަސް، އެމެރިކާ، އިންޑިއާ އަދި އދ.ގެ އިތުރުން ކޮމަންވެލްތުން ވެސް ވަނީ އެ ރިޕޯޓް ބަލައިގަތް ކަނެ ރިޕޯޓަށް އަމަލު ކުރުމަށް ގޮވާލައިފަ އެވެ.