04 Sep 2012, 21:36
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ބައިވެރި ނުކުރެވޭ ގޮތަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް ބުނެ އެކަމާ ދެކޮޅަށް ފުޅާދާއިރާއެއްގައި އިހުތިޖާޖު ކުރުމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމެޓީން ގަރާރެއް ފާސްކޮށްފި އެވެ.
އެމްޑީޕީގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ހުށަހަޅުއްވައި އެޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ތާއީދު ކުރެއްވި އެ ގަރާރު ފާސްކުރީ ގައުމީ ހިންގާ ކޮމެޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.
އެ ގަރާރުގައި ބުނަނީ ރާއްޖޭގެ ޝަރުއީ ނިޒާމަކީ އިންސާފް ގާއިމް ނުވާގޮތަށް އޮތް ނިޒާމެއްކަމަށް ރާއްޖޭގެ ރައްޔިތުންނާއި ބައިނަލް އަގުވާމީ ފަރާތްތަކުން ބުނަމުންދާކަމަށެވެ. އަދި ކަންއެގޮތަށް އޮތް އިރު ރާއްޖޭގެ ރައްޔިތުންގެ ލޯތްބާއި ތާއީދު ލިބިވަޑައިގެން ހުންނެވި ރައީސް ނަޝީދުގެ މައްޗަށް ދައުވާކޮށް، އެމަނިކުފާނަށް އިންތިހާބުގައި ބައިވެރި ނުވެވޭނެ ގޮތަށް ހެދުމަށް މި ސަރުކާރުން މަސައްކަތްކުރަމުން ދާކަމަށެވެ.
އެ ގަރާރުގައި ވަނީ ރައީސް ނަޝީދުގެ މައްޗަށް ދައުވާ ކުރުމަކީ ރާއްޖޭގެ ގިނަ ރައްޔިތުން ކަންބޮޑުވެ، މިގައުމު ހަމަނުޖެހުމަކަށް ވެއްޓިދާނެ ކަމެއްކަމަށް ވާތީ ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެ ގޮތަށް ދައުވާ ނުކުރުމަށް ބާރުއަޅައި ފުޅާދާއިރާއެއްގައި އިހުތިޖާޖު ކުރުމަށް ހިންގާ ކޮމެޓީން ނިންމީ ކަމަށެވެ.