އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި އެޕާޓީގެ ބައެއް މެމްބަރުންގެ މައްޗަށް ތަހުގީގު ހިންގައި އެފަދަ ފަރާތްތަކުގެ މައްސަލަ ޝަރީއަތަށް ހުށަހަޅަމުން ގެންދަނީ ސިޔާސީ މަގުސަދެއްގައި ކަމަށް ބުނެ އެކަން އެގޮތަށް ނުކުރުމަށް އެމްޑީޕީން ގޮވައިލައިފި އެވެ.

އެމްޑީޕީގެ ޗެއާޕާޝަން އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ފުލުހުންގެ އިދާރާއިން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން މިއަދު ހަވީރު 4 ޖަހާއިރަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް މޫސަ އަށް ޗިޓު ފޮނުވާފައިވާ މައްސަލަ ކުށްވެރިކޮށް އެމްޑީޕީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މޫސަ ހާޒިރުކުރަނީ ފުލުހުން ތަހުގީގު ކުރަމުން ދެމައްސަލައަކާ ގުޅިގެން ކަމަށް ބައެއް މީޑިއާ ތަކުގައި ފުލުހުންނާ ހަވާދީ ބުނެފައިވި ނަމަވެސް އެކަން ފުލުހުން މޫސަ އަށް ފޮނުވި ޗިޓުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.

އެމްޑީޕީން ބުނީ ދައުތުގެ އެއްވެސް މުވައްސަސާއަކަށް މައްސަލައެއްގައި ހާޒިރުވުމަށް އެއްވެސް މީހަކަށް އަމުރުކުރާއިރު އެމީހަކަށް އެމައްސަލައިގެ ބާވަތާއި އަދި އެމައްސަލަ ކުރިން އަންގަންޖެހޭއިރު މޫސަ ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ އެއާ ހިލާފަށް ކަމަށެވެ.

ފުލުހުންގެ އިދާރާއަށް މޫސަ ހާޒިރު ކުރަނީ "ރައްޔިތުންގެ ކޯޓެއް" ހެދި ކަމަށް ބުނާ މައްސަލައާއި ކޯޓްތަކުގެ ހުރުމަތް މޫސަ ކަނޑާލެއްވި ކަމަށް ބުނާ މައްސަލައެއްގައި ކަމަށް ފުލުހުންނާ ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވާ ކަމަށާއި ފުލުހުން އެކަން ކޮށްފައިވަނީ ކަންކުރުމަށް އޮންނަ އުސޫލުތަކާއި ހަމަތަކާ ވެސް ހިލާފަށް ކަމަށް ވެސް އެމްޑީޕީގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ މޫސަ ހާޒިރުކުރުމަށް ފޮނުވި ޗިޓުގައި އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ ފުލުހުން ބަލަމުން ގެންދާ މައްސަލައެއްގައި ކަމަށް ބުނެފައިވާނެ ކަމަށާއި އެޗިޓް ފޮނުވާފައިވަނީ އާއްމުކޮށް ފުލުހުން އަމަލްކުރަމުން އަންނަ އޫސުލާ އެއްގޮތަށް ކަމަށެވެ.