04 Sep 2012, 21:30
ޒިނޭގެ މައްސަލައެއް ޝަރީއަތަށް ޝާބިތުވެގެން މިދިޔަ އާދީއްތަ ދުވަހު ރ. ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުން އުމުރުން 16 އަހަރުގެ ކުއްޖެއްގެ މައްޗަށް 100 އެތިފަހަރުން ހައްދުޖަހައި، އަށް މަސް ދުވަހަށް ގޭބަންދަށް ހުކުމްކޮށްފައިވާ މައްސަލާގައި ކަންބޮޑުވާ ކަންތައްތަކެއް ހުރުމުން ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް އިން އެކަމާ މަޝްވަރާކޮށްފި އެވެ.
އެޗްއާރުސީއެމްގެ ނައިބް ރައީސް އަހުމަދު ތޮލާލު މިރޭ ވިދާޅުވީ ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ އެހުކުމަކީ 18 އަހަރު ނުވާ ކުޑަކުއްޖެއްގެ މައްޗަށް ކޮށްފައިވާ ހުކުމަކަށްވާއިރު އެހުކުމުގައި ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ހުރި ކަން އެކޮމިޝަނަށް ފާހަގަ ކުރެވިގެން މިއަދު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމެއްގައި އެކަމުގައި ހުރި ކަންބޮޑުވުންތަކާ މެދު މަޝްވަރާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.
އުމުރުން 16 އަހަރުގެ އަންހެން ކުއްޖެއްގެ މައްޗަށް ކޮށްފައިވާ އެހުކުމުގެ ވާހަކަ ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުގެ ސަމާލު ކަމަށް ވެސް ވަނީ އައިސްފަ އެވެ.
މިމައްސަލައާ ގުޅިގެން ހުޅުދުއްފާރު ކައުންސިލާ ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ އެކަންތައް ހިނގާފައިވަނީ މީގެ ދެމަހެއްްހާ ދުވަސް ކުރިން ކަމަށާއި އެމައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އަންހެން ކުއްޖާގެ އާއިލާއިން ކަމަށެވެ.
މިމައްސަލައިގައި އަންހެން ކުއްޖާގެ މައްޗަށް ޒިނޭ ކުށް ޝާބިތުވެފައިވަނީ އެކުއްޖާ އެކުށަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފްވެފައިވާތީ އެވެ. އެ އަންހެން ކުއްޖާގެ މައްޗަށް ކޮށްފައިވާ ހުކުމްގައި ބުނެފައިވާ 100 އެތިފަހަރުން ހައްދު ޖެހުމުގެ ބައި ތަންފީޒުކުރަން ޖެހޭނީ އެކުއްޖާގެ އުމުރުން 18 އަހަރުވުމުންނެވެ.
މިމައްސަލަގައިގެ 10 އަހަރަަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ރ. އަނގޮޅެތީމު ފިނިވާގޭ، އަހުމަދު ރަޝީދު 29، ގެ މައްޗަށް ކުރި ޒިނާގެ ދައުވާއަށް އޭނާ އިންކާރުކޮށްފައިވާތީ އެމީގެ މައްޗަށް ހުކުމްކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުން އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.
އެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ)ގައި ބުނަނީ ޖިންސީ ނިޔަތެއް އޮވެގެން މީހަކު ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލައިފި ނަމަ އެކުރަނީ ކުށެއް ކަމަށެވެ. އެ ގާނޫނޫގެ ތިންވަނަ މާއްދާގެ (ނ) ގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.