އަމިއްލައަށް ކޯޓު ހެދި މައްސަލައިގެ ތަހުގީގަށް އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު މިއަދު ފުލުސް އޮފީހަށް ހާޒިރުކުރުމުން ފުލުހުންގެ އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވައި އޭނާ ހަނު ހުންނެވީ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ މޫސަ މިއަދު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތީ އޭނާގެ ވަކީލު އަހުމަދު އަބްދުﷲ އަފީފާ އެކު ކަމަށެވެ. ނަމަވެސް ފުލުހުން ކުރި އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވައި މޫސަ ހަނު ހުންނެވީ ކަމަށް ވެސް ހަނީފު ވިދާޅުވި އެވެ.

ސުނާމީ ބިނާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި އެއްވުމެއްގައި "ރައްޔިތުންގެ ކޯޓު"ގެ ނަމުގައި ކޯޓެއް ހެއްދެވި މައްސަލައިގެ އިތުރުން ކޯޓުތަކުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މިއަދު ހަވީރު 4 ޖެހި އިރު ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު ގަޑިއަކަށް ވުރެ ގިނައިރުވީ ފަހުން ފުލުސް އޮފީހުން ނުކުމެވަޑައިގެން މޫސަ ވިދާޅުވީ އެތަނުގައި ރާއްޖެ ޓީވީ ނެތުމުން އެތާގައި ތިބި މީޑިއާތަކަށް އިންޓަވިއު ދެއްވެން ނެތް ކަމަށެވެ. ނަމަވެސް ރާއްޖެ ޓީވީގެ ހާޒިރުގައި ހުރިހާ މީޑިއާތަކަށް ވެސް އިންޓަވިއު ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތް ދުވަހު އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ފުލުސް އޮފީސް ހިމެނޭ ސަރަހައްދަށް އެއްވި ނަމަވެސް މިއަދު އެ ސަރަހައްދަށް މާގިނަ ބަޔަކު ގޮސްފައެއް ނުވެ އެވެ. އެމްޑީޕީގެ މަދު ބަޔަކު ޗާންދަނީމަގު ދިރާގު ލައިޓް ކައިރިއަށް އެއްވި އެވެ.