04 Sep 2012, 17:59
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު އުފެއްދެވި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓުގައި ރައީސް ވަހީދުގެ ސަރުކާރަކީ ގާނޫނީ ސަރުކާރެއް ކަމަށް ކަނޑައެޅުމާ ގުޅިގެން މި ސަރުކާރު ބަލައިގެންފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ރައީސް ވަހީދުގެ ސަރުކާރު ބަލައިގެންފައި މި ވަނީ މިދިޔަ ފެބްރުއަރީ މަހު ވެރިކަން ބަދަލުވުމަށް ފަހު ރައީސް ވަހީދު ސަރުކާރެއް އެކުލަވާލެއްވުމާ ގުޅިގެން އެ ސަރުކާރަކީ ގާނޫނީ ސަރުކާރެއް ނޫން ކަމަށް ކަނޑައަޅައި އަދި ވަހީދުގެ ސަރުކާރު ބަލައިނުގަތުމަށް އެ ކައުންސިލުގެ ކުއްލި ބައްދަލުވުމެެއްގައި ގަރާރެއް ފާސް ކުރިތާ ހަ މަސް ދުވަސް ފަހުންނެވެ.
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިއަދު ވިދާޅުވީ ކޯނީގެ ރިޕޯޓަށް ފަހު، އެ ކޮމިޝަނުގައި ރައީސް ނަޝީދުގެ ފަރާތުން ހިމެނިވަޑައިގެންނެވި މެމްބަރު ގަހާ އަހުމަދު ސައީދުގެ ރިކޮމެންޑޭޝާންތަކާ ވެސް އެކު އެރިޕޯޓް ބަލައިގަންނަވާ ކަމަށް ރައީސް ނަޝީދު ވެސް ވިދާޅުވެފައި ވާތީ މިސަރުކާރަކީ ގާނޫނީ ސަރުކާރެއް ކަމުގައި ކަނޑައެޅިގެން ދިއުމަކީ ގާނޫނީ ގޮތުން ވެސް ސަރުކާރު ގަބޫލު ކުރަން ޖެހޭ ކަމެއް ކަމަށް ކައުންސިލަށް ފެނިގެން ކަމަށެވެ.
ސޯބެ ވިދާޅުވީ އެގޮަތަށް ނިންމީ ރައްޔިތުންނާ އެކު ގައުމުގެ ތަރައްގީއަށް ޓަކައި ގައުމައިގެން ކުރިއަށް ދިއުމަށް ޓަކައި ސަރުކާރާ އެކު މަސައްކަތް ކުރުމަށް ކަމަށެވެ.
"އެމްޑީޕީ އިން ގަބޫލުކުރި ކުރުން އަޅުގަނޑުމެން ވެސް ގަބޫލްކުރަން. އައްޑޫ ސިޓީން އެންމެ ފުރަތަމަ ވެސް ނިންމީ ދިވެހި ރާއްޖޭގެ ގާނޫނާ ހިލާފަށް ވެރިކަން ބަޔަކު ފޭރިގަނެގެން ތިބެއްޖެ ނަމަ އެ ސަރުކާރެއް ގަބޫލެއް ނުކުރާނަަންކަން. ނަމަވެސް މިހާރު މިއޮތީ އެކަމަށް ވަކިގޮތްތަކެއް ކަނޑައެޅިފައި. ގާނޫނީ ގޮތުން ރާއްޖޭގައި އެއިރެއްގައި އޮންނަ ސަރުކާރެއް ގަބޫލުކުރުމަކީ ރާއްޖޭގެ ހުރިހާ ކައުންސިލަކުން ވެސް ކުރަންޖެހޭނެ ކަމެއް،" ސޯބެ ވިދާޅުވި އެވެ.
ރައީސް ވަހީދުގެ ސަރުކާރަކީ ގާނޫނީ ސަރުކާރެއް ކަމަށް ކޯނީން ކަނޑައެޅުމާ އެކު މިސަރުކާރު ބަލައިގެންފައި ވަނީ ކައުންސިލުންގެ މެމްބަރުންގެ ވެސް މަޝްވާރާގެ މަތިން ކަމަށާއި ކޯނީގެ ރިޕޯޓްގައި ހުރި ހުރިހާ ކަމެއް ސަރުކާރުން ގަބޫލު ނުކުރާތީ އެކަމާ ކަންބުވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެއް ވެސް ޝަރުއީ ކޯޓަކުން ނުވަތަ އެނޫން ވެސް އެފަދަ ތަނަކުން ރައީސް ވަހީދުގެ ސަރުކާރަކީ ގާނޫނީ ސަރުކާރެއް ނޫން ކަމަށް ކަނޑައަޅައިފި ނަމަ ކައުންސިލްގެ ސްޓޭންޑަކީ ހަމަކުރިން ވެސް ނިންމި ނިންމުން ކަމަށް ވެސް ސޯބެ ވިދާޅުވި އެވެ.
"މިހާރު ވެސް މިސަރުކާރަކީ ގާނޫނީ ގާނޫނީ ސަރުކާރެއް ނޫން ކަމަށް އެއްވެސް ކޯޓަކުން ބުނެފިއްޔާ އަޅުގަނޑުމެންގެ ސްޓޭންޑަކީ ހަމަ އެއީ،" ސޯބެ ވިދާޅުވި އެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ އައްޑޫ ސިޓީ ކައުންސިލުން ރައީސް ވަހީދުގެ ސަރުކާރު ބަލައިގެންފައިވާ އިރު ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމާ އެކު މިސަރުކާރަށް ތާއީދުނުކުރާނެ ކަމަށާއި މިސަރުކާރު ބަލައިނުގެންނާނެ ކަމަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލްގެ ނިންމުން އަދި ވެސް އޮތީ އެގޮތަށެވެ.