04 Sep 2012, 17:45
މަތީތައުލީމް ހާސިލްކުރަން ބޭނުންވާ ކުދިނަށާއި އެ ކުދިންގެ ބެލެރިވެރިނަށް ބޭރުގެ ޔުނިވާސިޓީތަކުގެ ބޭފުޅުނާ ބައްދަލުކޮށް މައުލޫމާތު ބަދަލުކޮށްލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ގްލޯ ނެޓުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ޔުނިވަސިޓީ އެޑިއުކޭޝަން ފެއާ(ޔޫއީއެފް) 22 ޔުނިވަސިޓީއާ އެކު މިއަދު ހުޅުވައިފި އެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ހާއްސަ ހަފްލާއަކާ އެކު ހުޅުވި ޔޫއީއެފް ހުޅުވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދެވެ. މިފަހަރުގެ ފެއާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދާއި މާދަމާ އެވެ.
މިފަހަރު މި ބާއްވާ 11 ވަނަ ފެއާގައި މެލޭޝިޔާ އާއި ރަޝިޔާ އާއި އިންޑިއާ އަދި ސްރީލަންކާގެ އިތުރުން ސިންގަޕޫރުގެ ޔުނިވަސިޓީތަކާއި ކޮލެޖުތަކުން ވަނީ ބައިވެރިވެފަ އެވެ.
ފެއާ ފެށުމުގެ ގޮތުން މިއަދު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް ވިދާޅުވީ އެފަދަ ފެއާތަކުގެ ސަބަބުން ޒުވާނުންގެ މެދުގައި މަތީ ތައުލީމް ހާސިލް ކުރުމުގެ ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމަށާއި މިއީ މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ކުދިނަށް މައުލޫމާތު ހޯދަން ލިބޭނެ ވަރަށް ރަނގަޅު ފެއާއެއް ކަމަށެވެ. އަދި ވިދާޅުވީ މިފަދަ ފެއާތަކުން މައުލޫމާތު ހޯދައިގެން ކޯސްތަކަށް އެޕުލައިކުރާ އިރު އެ ކޯސްތަކަކީ ރާއްޖެ އިން ގަބޫލްކުރާ ސެޓްފިކެޓެއްތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އެފެއާ އިންތިޒާމްކުރާ ގުލޯނެޓްގެ މެނޭޖިން ޑައިރެކްޓާ މުހައްމަދު ނަސީމް އަހުމަދު ވިދާޅުވީ އެފެއާގެ ސަބަބުން ބޭރަށް ކިޔަވަންދާން ބޭނުންވާ ކުދިނަށް އެކުއްޖަކު ޝައުގުވެރިވާ ދާއިރާއަކުން ކުރިއަށްދިއުމަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ލިބިގެންދާނެ ކަމަށާއި އަދި މަތީ ތައުލީމް ހާސިލްކުރަން ކުރަން ޖެހޭ ހަރަދުގެ ފުރިހަމަ މައުލޫމާތު ވެސް ލިބިގެންދާނެ ކަމަށެވެ.
އަދި ނަތީޖާ ރަނގަޅު ކުދިންނަށް އަގުހެޔޮ ސްކޮލަޝިޕްތައް ލިބޭނެ ފުރުސަތުތައް ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. ގޮތުން 50 ޕަސެންޓާއި 100 ޕަސެންޓް ޓިއުޝަން ފީ ހިލޭ ލިބޭ ސްކޮލަޝިޕް، އެ ފެއާ އިން ލިބުމުގެ ފުރުސަތުތައް ހަމަޖެހިފައިވާ އިރު ސުކޮލާޝިޕަށް އެދުމުގެ ފުރުސަތު ވަނީ މިއަދާއި މާދަމާ ދަރުބާރުގޭގައި ހުޅުވާލާފަ އެވެ.
ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ޔުނިވަސިޓީ އެޑިއުކޭޝަން ފެއާ އަކީ ކިޔަވާ ކުދިނާއި ބެލެނިވެރިންގެ ބޮޑުތަރުހީބެއް ލިބޭ ފެއާއެކެވެ.