މެދުއިރުމަތީގެ އެންމެ ނުފޫޒު ގަދަ އެއް ގައުމު ކަމަށްވާ މިސްރަކީ އިސްލާމީ ގިނަ ގައުމުތަކެއްގެ ގިނަ ބަޔަކު ދީނީ އިލްމު ހާސިލް ކުރާ ބޮޑު ޔުނިވަސިޓީ "އަލް އަޒުހަރު ޔުނިވަސިޓީ" ހުންނަ ގައުމެވެ.

އެ ގައުމުގެ އާބާދީގެ މެޖޯރިޓީ އަކީ މުސްލިމުންނަށް ވުމުގެ އިތުރުން އެ ގައުމުގެ ވެރިކަން ކުރަނީ ވެސް މުސްލިމުންނެވެ. އާބާދީގައި ހިމެނޭ އަންހެނުންގެ ގާތްގަނޑަކަށް 70 ޕަސެންޓް އަންހެނުންނަކީ ބުރުގާ އަޅާ އަންހެނުންނެވެ. ނަމަވެސް މިސްރުގެ ގައުމީ ޓީވީގައި ހަބަރު ކިއުން ނުވަތަ އެނޫން ވެސް ޕްރޮގްރާމަކުން ވެސް ބުރުގާ އެޅި އަންހެނަކަށް މިދިޔަ 50 އަހަރު ވެސް ފުރުސަތު ދީފައެއް ނުވެ އެވެ.

ލިޔެވިފައިވާ އެއްވެސް ގަވައިދަކުން އަދި ގާނޫނަކުން މަނާ ނުކުރި ކަމަށް ވިޔަސް މިސްރުގައި ވޭތުވެ ދިޔަ 50 އަހަރު ވެރިކަން ކުރި ހުރިހާ ސަރުކާރަކުން ވެސް ބުރުގާގެ ކަންތަކުގައި އަމަލުކޮށްފައި ވަނީ އެ އުސޫލުންނެވެ. ބުރުގާ އެޅި އަންހެނެއް ވިއްޔާ ހުންނަން ޖައްސާފައި ވަނީ ކެމެރާގެ ފުރަގަހުގަ އެވެ.

ނަމަވެސް ބުރުގާ އަޅައިގެން އިން ޒުވާން އަންހެނަކު މިސްރުގެ ގައުމީ ޓީވީން މިދިޔަ އާއްދީތައްް ދުވަހު މެންދުރު ފަހު ވަނީ ހަބަރު ކިޔައިފަ އެވެ.

މިސްރުގެ ގަައުމީ ޓީވީގައި މަސައްކަތް ކުރާ ފާތިމާ ނަބީލަށް އެ ފުރުސަތު ދިނީ މިސްރުގައި 30 އަހަރު ވެރިކަން ކުރެއްވި ހުދުމުހުތާރު ވެރިޔާ މުހައްމަދު ހުސްނީ މުބާރަކުގެ ވެރިކަން އިންގިލާބަށް ފަހު އެ ގައުމުގައި ބޭއްވި ފުރަތަމަ މަލްޓިޕާޓީ ރިޔާސީ އިންތިހާބުން ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި މުހައްމަދު މުރުސީގެ ސަރުކާރުންނެވެ.

މިސްުރުގެ "އަލް މަސްރީ އަލް ޔައުމު" ނޫހަށް ފާތިމާ ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ އެއީ އޭނާ އަށް ތާރީހީ ދުވަހެއް ކަމަށެވެ. މިސްުރުގެ އައިން ޝަމްސު ޔުނިވަސިޓީން އިނގިރޭސި ބަހުން ޑިގްރީއެއް ހާސިލްކޮށްފައިވާ ފާތިމާ ބުނެފައި ވަނީ "ބަލަން ޖެހޭނީ މީހާ ހުންނަ ގޮތަށް ނޫން ކަމަށާއި މީހާގެ ފެންވަރަށް" ކަމަށެވެ. ކުރިން މިސްރުގެ ގައުމީ ރޭޑިއޯގައި ހަބަރު އެޑިޓް ކުރުމުގެ މަސައްކަތް ވެސް ކޮށްފައިވާ ފާތިމާ ބުނެފައި ވަނީ އޭނާ އަށް ވެސް އެ ބޭއިންސާފް (ބުރުގާ އަޅާތީ ޓީވީ ޕްރޮގްރާމަކުން ފުރުސަތު ނުދިނުމުގެ މައްސަލަ) އާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

މިސްރުގެ ރައީސް މުހައްމަދު މުރުސީ ނިސްބަތްވެވަޑައިގަންނަވާ މުސްލިމް ބްރަދަ ހުޑް ޕާޓީ އަކީ ކުރިން މިސްރުގައި މަނާކޮށްފައިވާ އިސްލާމީ ޖަމާއަތެކެވެ. އެހެންވެ، މުރުސީ އަކީ ހަރުކަށި އިސްލާމީ ސިޔާސަތުގެ ބޭފުޅެއް ކަމަށް ހުޅަނގުން ތުހުމަތު ކުރެ އެވެ.