04 Sep 2012, 17:11
ބެއިޖިން (ސެޕްޓެމްބަރ 4) : އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ޗައިނާއާ ދެކޮޅަށް ދެއްވި ބަޔާނަކާ ގުޅިގެން ދެޤައުމުން ބަހުގެ ޙަމަލާތައް ބަދަލުކުރަމުން ގެންދަނިކޮށް ހިލަރީ ދާދިދެންމެއަކު ޗައިނާ އަށް ވަޑައިގެންފިއެވެ.
އޭޝިޔާ ޕެސިފިކްގެ ބައެއް ޤައުމުތަކަށް ހިލަރީ ކުރައްވާ ދަތުރުފުޅުގައި އޮސްޓްރޭލިޔާގައި ހުންނަވައިގެން ދެއްވި ބަޔާނެއްގައި ދެކުނު ޗައިނާ ކަނޑުގައި އުފެދިފައިވާ އަރާރުންތަކުގައި ސަރަޙައްދުގެ ޤައުމުތައް ޗައިނާއާ ދެކޮޅަށް އެކަތިގަނޑަކަށް ވުމަށް ގޮވާލެއްވުމުން ޗައިނާ ބުނީ ދޭދޭޤައުމުތަކުގެ މައްސަލަތަކުގެ ތެރެއަށްވަދެ އެއް ޤައުމުއަނެއް ޤައުމު ޖައްސައި ފިތްނަކުރުމަށް ޒަމާނުއްސުރެ އެމެރިކާ ކުޅޭ ކުޅިގަނޑު ހުއްްޓާލަންވެއްޖެ ކަމަށާއި ސަރަޙައްދުގެ މަސްލަޙަތާއި ހަަމަޖެހުމަށް މަސައްކަތްކުރުމަށް އެމެރިކާގެ ކިބައިން އެދޭކަމުގައެވެ.
ޗައިނާގެ މިރައްދަށްފަހު އިންޑޮނީޝިޔާގައި ދެއްވި ބަޔާނެއްގައި ހިލަރީ ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގައި އުފެދިފައިވާ ސަރަޙައްދީ އަރާރުންތަކުގައި އެއްވެސް ޤައުމަކުން އަނެއް ޤައުމަށް ބިރުދައްކައި ގަދަކަމުން ކަންކަންކުރަން އުޅެގެން ނުވޭނެކަމުގައެވެ. އަދި ހުއްޓިފައިވާ ޑިޕްލޮމެޓިކް ޙަރަކާތްތައް އަލުން ފެށުމަށް ހިލަރީ ޗައިނާއަށް ގޮވާލެއްވިއެވެ.
ހިލަރީ ޗައިނާއަށް ވަޑައިގެންނެވިއިރު ޗައިނާގެ ޚަބަރު ފަތުރާ ވަސީލަތްތަކުންވަނީ ބޮޑުބާރެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މަސްރަޙަށާއި އޭޝިޔާ ޕެސިފިކް ސަރަޙައްދަށް ޗައިނާ ފާޅުވެދާނެކަމުގެ ބިރު އެމެރިކާ އިޙްސާސްކުރާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި ހިލަރީގެ އޭޝިޔާ ޕެސިފިކް ދަތުރުފުޅަކީ އެސަރަހައްދުގައި އިތުރުވަމުންދާ ޗައިނާގެ ބާރާއި ނުފޫޒު ކުޑަކޮށް ޗައިނާ "ކޮންޓެއިން" ކުރުމުގެ ދަތުރުފުޅެއް ކަމަށް ސިފަކޮށްފައެވެ.
2020 ވަނަ އަހަރާ ހަމައަށްދާއިރު އިޤްތިސާދީ ގޮތުން އެމެރިކާ އާ އެއްހަމައެއްގައި ޗައިނާ ފައިހަމަކޮށް ބޮޑު ދެބާރުގެ ގޮތުގައި ދުނިޔޭގައި އޮންނާނީ އެމެރިކާއާއި ޗައިނާ ކަަމަށް ސްޓްރެޓީޖިކް ދިރާސާކުރާ ފަރާތްތަކުގެ ލަފާކުރުންތައް ދައްކައެވެ. އަދި 2030 އަށް ދާއިރު އެމެރިކާ ގެ މައްޗަށް ޢިލްމީ ގޮތުންނާއި ޓެކްނޮލިޖީގެ ގޮތުންވެސް ޗައިނާ ކުރި ހޯދައި ދުނިޔޭގެ ސްޕަޕަވަރަކަށް ޗައިނާ ވެގެންދާނެ ކަމަށްވެސް މިފަރާތްތަކުން އަންދާޒާކުރެއެވެ.
ހިލަރީގެ މިދަތުރުފުޅުގައި ޗައިނާގެ ބޮޑުވަޒީރާއި އެހެން އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. -- ނޫސްއެޖެންސީތައް