09 Mar 2010, 10:17
10:00
ޑީއާރުޕީން ހޮވާ ގައުމީ ލާމަސީލު އަންހެން ދަރީގެ އެވޯޑް ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޒާހިޔާ ޒަރީރާއި ކުރީގެ ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ އަށް ދީފި އެވެ.
އަންހެނުންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ޑީއާރުޕީގެ އަންހެނުންގެ ގޮފިން އިސްނަގައިގެން ދަރުބާރުގޭގައި ރޭ ބޭއްވި އެ ޖަލްސާގައި ހޮވި 2009 އަހަރުގެ ގައުމީ ލާމަސީލު އަންހެން ދަރީގެ އެވޯޑް ލިބިވަޑައިގެންނެވި އެ ދެ ބޭފުޅުންނަށް އެ އެވޯޑް ދެއްވީ އެޕާޓީގެ ޒައީމް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބުދުލް ގައްޔޫމެވެ. މިދިޔަ އަހަރު މި އެވޯޑް ލިބިފައިވަނީ އަނީސާ އަހުމަދަށެވެ.
ޑީއާރުޕީގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވިރިވި އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޑީއާރުޕީން އިސްނަގައިގެން އަންހެނުންނަށް އެފަދަ އެވޯޑެއް ދިނުމުގެ ބޭނުމަކީ އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ. އަދި ޑީއާރުޕީ އަކީ އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކާއި ހައްގުތައް ހޯދައިދޭ ޕާޓީއެއް ކަމަށާއި، ޑީއާރުޕީ ފިޔަވައި އަންހެނުންގެ ގޮތްޕެއް އޮތް އެއްވެސް ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނެތް ކަމަށްވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ވާހަކަފުޅުގައި ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި އަންހެނުންނަށް ލިބިފައިވާ ކުރިއެރުމާއި ތަރައްގީގެ އަސާސަކީ އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކާއި ހަމަހަމަ ހައްގުތައް ލިބިދެވޭ ގޮތަށް ސަރުކާރުން ކުރި މަސައްކަތް ކަމަށް ވިދާޅުވި އެވެ. އަދި ދިވެހިރާއްޖޭގެ އަންހެނުންނަށް މިހާރު ލިބިފައިވާ މަގާމާ ހައްގުތަކަކީ ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ބަޔަކު ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ވިދާޅުވެ، އަދިވެސް އަންހެނުންނަށް ލިބެންވާ ފުރުސަތުތަށް ނުލިބި ހުރިކަން ރައީސް މައުމޫން ފާހަގަކުރެއްވި އެވެ.
ރޭގެ ޖަލްސާގައި ޑިއާރުޕީގެ އާ ލީޑަރު އަހުމަދު ތަސްމީން އަލީ ވެސް ވާހަކަ ދެއްކެވި އެވެ. ތަސްމީންގެ ވާހަކައިގައި އަންހެނުންގެ ދުވަހުގެ ޝިއާރު ކަމަށްވާ "ހަމަހަމަ ފުރުސަތުތައް- އެންމެންނަށް ކުރިއެރުމާއި ތަރައްގީ"ގެ ޝިއާރަށް އަލިއަޅުވާލައްވައި ވިދާޅުވީ ދިވެހިރާއްޖޭގައި ވެސް އަދި ދުނިޔޭގެ އެހެން ގައުމު ތަކުގައި ވެސް އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކާއި ހައްގުތައް ފުރިހަމައަށް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ވޭތުވެދިޔަ އަހަރު ތަކުގައި އަންހެނުންނަށް ފުރިހަމަ އަށް ހައްގުތަކާއި ފުރުސަތުތައް ހޯދައިދެން މަސައްކަތް ކޮށްފައިވާކަން ތަސްމީން ފާހަގަކުރެއްވި އެވެ. އަދި މިހާރުގެ ސަރުކާރުގެ ސިޔާސަތުގެ ބައްޓަންވެފައިވާ ގޮތުން އަންހެނުންނަށް ލިބެންޖެހޭ ފުރުސަތުތައް ހަނިވެފައިވާކަމަށް ވެސް ތަސްމީނު ފާހަގަ ކުރެއްވި އެވެ.