ނ. މާފަރު ހިތްފަސޭހަގޭ ހަސަން އަބޫބަކުރު މަރާލިކަމުގެ ތުހުމަތުގައި ޖުވެނައިލް ކޯޓުގައި ދައުލަތުން ދައުވާ ކުރާ ކުއްޖާއާ ދެކޮޅަށް ހެކިބަސް ދޭނެ އެއްވެސް މީހެއް ނެތް ކަމަށް ޖުވެނައިލް ކޯޓުން ބުނެފި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ދައުލަތުން އެ ކުއްޖާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ތަހުގީގުގައި ވެފައިވާ އިއުތިރާފުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި އެ މައްސަލައިގައި ހެކި ހުށަހެޅުމަށް ޝަރީއަތުން މިއަދު ފުރުސަތު ދިނުމުން ތަހުގީގު ބަޔާން ފިޔަވައި އިތުރު ހެއްކެއް ނެތް ކަމަށް ދައުލަތުން ބުނެފައި ވާތީ ތަހުގީގަށް އެ ކުއްޖާ ބަޔާން ދިންއިރު އޯޑިއޯ ނުވަތަ ވީޑިއޯ ރެކޯޑުކޮށްފައިވާ ނަމަ ހަތް ދުވަހުގެ ތެރޭގައި އެތަކެތި ކޯޓަށް ހުށަހެޅުމަށް ޝަރީއަތުން ދައުލަތަށް މިއަދު ވަނީ އަންގައިފަ އެވެ.

"އެ ކުއްޖާ މިއަދު ބުނީ ފުލުހުންގެ ތަހުގީގު ބަޔާނުގައި އޭނާ ސޮއިކުރީ ފުލުހުން ލިޔެގެން ގެނައުމުންކަމަށް. އެކުއްޖާ ތަހުގީގު ބަޔާނަށް އިންކާރުކޮށްފައި ވާތީ ފުލުހުން އެ ބަޔާން ނެގި އިރު، ވީޑިއޯ ނުވަތަ އޯޑިއޯއެއް ނަގާފައިވާ ނަމަ ހަތް ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ޝަރީއަތުން މިއަދު ވަނީ ދައުލަތަށް ފުރުސަތު ދީފައި،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ކުއްޖާ ދިފާއުވުމަށް ޓަކައި ތިން މީހަކު ހެކީންގެ ގޮތުގައި ހުށަހަޅާފައި ވާތީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ އެ ތިން މީހުންގެ ހެކިބަސް ނެގުން ކަމަށެވެ.

ދައުލަތުން އެ ކުއްޖާގެ މައްޗަށް ކުރި ދައުވާގައި ބުނަނީ މި އަހަރުގެ މެއި 29 ވަނަ ދުވަހުގެ 1:00 ޖަހާ އެހާކަންހާއިރު ލ. އިސްދޫ އެވަލާސްޓް، މުހައްމަދު ފައިސަލާއި ގ. އިރުފާ، އަހުމަދު ނައުޝާދާއި ބައިވެރިވެގެން ހަސަން އަބޫބަކުރު ބަނދެ އޭނާ ދިރިއުޅޭ ހިތްފަސޭހަގެއިން ވައްކަން ކުރުމަށް ރާވައި ހަސަން އަބޫބަކުރު ނިދާފައި އޮއްވައި އެ ތިން މީހުން އެގޭގެ ގިފިލީގެ ދޮރުން އެ ގެއަށް ވަދެފައިވާ ކަމަށެވެ.

އަދި އެ ތިން މީހުން އެގެއަށް ވަނުމަށް ފަހު އަބޫބަކުރު ހިފަހައްޓައި ފައިސަލް އޭނާގެ އަނގަމަތީގައި ޓީޝާޓެއް އަޅައި ލޯމަތީގައި ބާލީހެއް އެޅުމުން ނައުޝާދާއި އެ ކުއްޖާ އަބޫބަކުރުގެ އަތުގައި ހިފަހައްޓައި އިންސިލޭޝަން ޓޭޕުން ދެ އަތް ބަދެފައިވާ ކަމަށެވެ.

ދައުވާގައި ބުނަނީ އެ ތިން މީހުންގެ އަމަލުތަކުގެ ސަބަބުން އަބޫބަކުރު މަރުވެފައި ވާތީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ރ)ގެ ދަށުން އެ ކުއްޖާގެ މައްޗަށް ކުރަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކަމަށެވެ.

ފައިސަލާއި ނައުޝާދުގެ ޝަރީއަތް ވަނީ ޖުލައި މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުގައި ފަށާފަ އެވެ. އެ ދެ މީހުން ވެސް ވަނީ މުޅި ދައުވާއަށް އިންކާރުކޮށްފަ އެވެ.

ސަން އޮންލައިނަށް އަށް އެނގިފައިވާގޮތުގައި އެމީހުން ވަނީ އެގެއިން ވަގަށް ނަގައި ވަޅުލާފައިވާ ފައިސާތައް ވެސް ފުލުހުންނާ ހަވާލުކޮށްފަ އެވެ.