ރޯޔަލް އެކްސްޗޭންޖް އޮފް ބޫޓާންގެ އެދުމަކަށް ރާއްޖޭގެ ކެޕިޓަލް މާކެޓާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރުމުގެ ގޮތުން ޕްރޮގްރާމެއް، ރޯޔަލް އެކްސްޗޭންޖް އޮފް ބޫޓާން އާއި ރާއްޖޭގެ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑިއޭ) އާއި ދެމެދު ފަށައިގެން ކުރިއަށް އެބަގެންދެ އެވެ.

ސީއެމްޑީއޭ އިން މިއަދު ބުނީ މިދިޔަ ހޮނިހިރު ދުވަހުން މިއަންނަ ބުރާސްފަތު ދުވަހަށް ކުރިއަށްގެންދާ އެ ޕްރޮގުރާމުގައި ރޯޔަލް އެކްސްޗޭންޖް އޮފް ބޫޓާންގެ ދެ މުއައްޒިފުން ބައިވެރިވާ ކަމަށެވެ. އަދި ބުނީ އެ ޕްރޮގުރާމްގައި ރާއްޖޭގެ ކެޕިޓަލް މާކެޓް ތަރައްގީކުރުމުގައި ސީއެމްޑީއޭގެ ތަޖުރިބާއާ ބެހޭ މައުލޫމާތު ބޫޓާނަށް ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރޯޔަލް އެކްސްޗޭންޖް އޮފް ބޫޓާން ހިންގަމުން އަންނަނީ އެ ގައުމުގެ ސެންޓުރަލް ބޭންކްގެ ޑިޕާޓްމެންޓެއްގެ ގޮގައި ކަމަށާއި ނަމަވެސް ކެޕިޓަލް މާކެޓް އެންމެ އެދެވޭ ގޮތަށް ތަރައްގީކުރުމަށް މުސްތަގިއްލު ސެކިއުރިޓީ މާކެޓް ރެގިއުލޭޓަރެއް އުފެއްދުމަކީ މުހިންމު ކަމަކަށް ވާތީ ރާއްޖޭގައި ކެޕިޓަލް މާކެޓް އުފެއްދުމަށް ކޮށްފައިވާ މަސައްކަތާ ބެހޭ މައުލޫމާތު ހިއްސާކުރުން ކަމަށެވެ.

އަދި ބުނީ އެގޮތުން ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖް އަދި ސެކްރިޓީޒް ޑިޕޮސިޓަރީގެ އޮޕަރޭޝަންތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ޓަކައި ސްޓޯކް އެކުސްޗޭޖު އާއި ޑިޕޮސިޓަރީން ޕްރެޒެންޓޭޝަންތައް ހުށައަޅަފައިވާނެ ކަމަށެވެ. އަދި ލިސްޓެޑް ކުންފުނިތަކުން އިންވެސްޓާ ރިލޭޝަންސް އަދި އިންވެސްޓަރުންނަށް މައުލޫމާތު ހާމަކުރުމުގެ މަސައްކަތާއި ހިއްސާދާރުންގެ ރަޖިސްޓުރީ ބަލަހައްޓާ ގޮތާ ބެހޭ ގޮތުން މައުލޫމާތު އެ ޕްރޮގުރާމްގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.