04 Sep 2012, 15:17
މިނިވަން އިންސާފުވެރި އިންތިހާބަލަށް މަގުފަހިވާ ގޮތަށް، ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވެސް މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް އޮސްޓްރޭލިއާއިން ގޮވާލައިފި އެވެ.
އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު އަދި އެ ގައުމުގެ ސެނެޓުގެ މެމްބަރު ބޮބް ކަރް މިއަދު ނެރުއްވި ކުރު ބަޔާނެއްގައި ވިދާޅުވެފައި ވަނީ މަޝްވަރާތަކުގައި ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވެސް ބައިވެރިވަޑައިގެންނެވުމަށް އޮސްޓްރޭލިއާ އިން ގޮވާލާ ކަމަށާއި އެ މަޝްވަރާތަކަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހަދަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ސެނެޓާ ބޮބް މިހެން ވިދާޅުވީ ރާއްޖޭގެ ވެރިކަން މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ބަދަލުވި ގޮތް ތަހުގީގުކުރުމަށް އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް އާއްމުކުރުމުން އެކަން ފާހަގަކުރައްވައި، މިއަދު ނެރުއްވި ބަޔާނެއްގަ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ފެބްރުއަރީ ހަތް ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވުމަށް މެދުވެރިވި ސަބަބުތަކާއި އެކަމުގައި ހުރި ގާނޫނީ މައްސަލަތައް ރިޕޯޓްގައި (ރިޕޯޓް އެކުލަވާލުމުގައި) ތަހުގީގުކޮށްފައިވާ ކަަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާ ކުރުމަށް އެރިޕޯޓްގައި ހިއްވަރުދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
އަންނަ ހަފުތާގައި އޮންނަ ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ބައްދަލުވުމުގައި ކޯނީގެ ރިޕޯޓާ މެދު މަޝްވަރާކުުރުމަށް ހަމަޖެހިފައިވާ އިރު އެބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާނީ ސެނެޓަރު ބޮބް ކަރްއެވެ.
ވެރިކަން ބަދަލުވި ގޮތް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދި ކޮމިޝަނަށް ބަދަލު ގެނެސް އެކޮމިޝަނުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ބޭފުޅަކާއި ބޭރުގެ ފަނޑިޔާރެއް ހިމެނީ ސީމެގުން އެކަމަށް ގޮވާލުމުންނެވެ. އަދި އެކޮމިޝަންގެ މަސައްކަތް ކުރިއަށް ދިޔައިރު ބައިނަލްއަގުވާމީ އޮބްޒާވަރުން ވަނީ އެ މަސައްކަތް ބަލައިފަ އެވެ.