ޖަޕާނުގެ އެކަޑަމީތަކުގައި ތަމްރީނު ހެދުމަށް ފޮނުވަން އެންމެ ފުރަތަމަ ނެގި ދެ ކުޅުންތެރިން ފަހުން ނުފޮނުވަން ނިންމީ އެކުޅުންތެރިންގެ އެޓިޓިއުޑް ގޯސްވުމުން ކަމަށް އެފްއޭއެމުން ވިދާޅުވި އެވެ.

ޓެކްނިކަލް ޑައިރެކްޓަރު މައުރޫފް އަހުމަދު (މާއްޓޭ) ވިދާޅުވީ އީގަލްސްގެ އަހުމަދު އިމާޒު (އާއްކޮ)އާއެކު ފޮނުވަން ނިންމީ ވިކްޓަރީގެ ކުޅުންތެރިއަކާއި މާޒިޔާއަށް ކުޅުނު ހުރާގެ މުހައްމަދު ތަސްނީމް ކަމަށެވެ.

ނަމަވެސް މި ދެ ކުޅުންތެރިން ފުޓްބޯޅައިގައި ކުރިއަށް ދިއުމުގައި ގެންގުޅޭ ވިސްނުން ގޯސްވުމުން ނުފޮނުވަން ނިންމީ ކަމަށް މާއްޓޭ ވިދާޅުވި އެވެ.

"ކުޅުންތެރިން ނެގުމަށް ފަހު އެމީހުންގެ ކުޅުމުގެ ހަރަކާތްތަކާއި ބޭރުތެރޭގައި އުޅޭގޮތް ވެސް ބަލަމުންދިޔައީ. މޮނީޓަ ކުރަމުންދިޔައިރު ފާހަގަ ކުރެވުނީ ބައެއް ކުޅުންތެރިންގެ ކިބައިގައި ފުޓްބޯޅައިގައި ކުރިއަށް ދިއުމުގެ ވިސްނުން ކުޑަކަމަށް. މިހެން ބެލިއިރު ވިކްޓަރީގެ ކުޅުންތެރިޔާ ފަހުން އެޓީމުގެ ޕްރެކްޓިހަށް ވެސް ނުދާ ކަމަށް އެނގިފައިވަނީ. އަދި މާޒިޔާގެ ތަސްނީމްވެސް ޕްރެކްޓިހަށް ނުދޭ. މިހެންވެ މި ދެ ކުޅުންތެރިން ފުޓްބޯޅައިގައި ކުރިއަށްދިއުމަށް މާބޮޑަށް މަސައްކަތްކުރާ ކަމަށް އެފްއޭއެމަށް ގަބޫލު ނުކުރެވުނީ،" މާއްޓޭ ވިދާޅުވި އެވެ.

މި ދެ ކުޅުންތެރިންގެ ބަދަލުގައި ޖަޕާނަށް ފޮނުވަން ނަގާފައިވަނީ މާޒިޔާގެ މުހައްމަދު ޝާދިން އާއި ހަސަން ޝިފާޒެވެ. ކޯޗެއްގަ ގޮތުގައި ދާނީ މާޒިޔާ އަށް ޔޫތު ޗެމްޕިއަންޝިޕް ހުސްވި އަހަރު ހޯދައިދިން ކޯޗު މުހައްމަދު ސުވޭދު (ސުވެޓޯ) އެވެ. އޭނާ އާއި ތިން ކުޅުންތެރިން ފުރާނީ މި މަހުގެ ނުވަވަނަ ދުވަހު އެވެ.