04 Sep 2012, 14:40
ވީބީގެ ހޮލެންޑް މިޑްފީލްޑަރު ސެންގިޒް ހުސައިނުގެ ފައިގެ ކަށިކޮޅެއް ބިނދި ތިން ހަފުތާ ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.
އެ ޓީމުގެ މެނޭޖަރު އިބްރާހީމް ރަޝީދު (ސަތޯ) ބުނީ ސެންގިޒް އަށް އަނިޔާވީ ޕްރެކްޓިސް މެޗެއްގައި އީގަލްސްއާ ދެކޮޅަށް ކުޅެނިކޮށް ކަމަށެވެ.
"މިހާރު ޕްލާސްޓަރު އަޅާފައި ހުރީ. އެކަމަކު ޑރ. ޝަކީބާ ވެސް ވާހަކަ ދައްކައިފިން. އޭނާ ލައްވައި އެފްއޭކަޕް މެޗުގައި ވެސް ކުޅެވޭތޯ މިބަލަނީ. ވަރަށް މުހިންމު ކުޅުންތެރިއެއް އެއީ،" ސަތޯ ބުންޏެވެ.
ސެންގިޒް ހުސައިނަކީ ފާއިތުވެދިޔަ ދެ އަހަރު ވީބީގައި މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ.
ވީބީ އެންމެ އަވަހަކަށް ދެން ކުޅޭނީ ހުކުރު ދުވަހު އެފްއޭކަޕް ކުއާޓާ ފައިނަލުގައި އޭވައިއެލްއާ ދެކޮޅަށެވެ.