04 Sep 2012, 13:54
ސްރީލަންކާގެ ޖައިކް ހިލްޓަން ރެސިޑެންސްގެ 18 ވަނަ ބުރިން ވެއްޓި މަރުވި ގ. މާވެނި މުހައްމަދު މިދުޝާހު 37،ގެ މަރުގެ މައްސަލައިގައި އިއްޔެ ބޭއްވުމަށް ހަމަޖެއްސި ދެ ވަނަ އަޑު އެހުން ފަސްކޮށްފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މިދުޝާހުގެ މަރުގެ މައްސަލައިގެ ދެވަނަ އަޑުއެހުން ކެންސަލްކޮށްފައި ވަނީ ސްރީލަންކާގެ ބުދުދީނުގެ އިސްފާދިރީއަކު މަރުވުމާ ގުޅިގެން އެކަމުގެ ހިތާމަ ފާޅުކުރުމުގެ ގޮތުން އިއްޔެ އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެންނެވެ.
ލަންކާގެ ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ބޭއްވުމަށް ޝެޑިއުލް ކުރި ޝަރީއަތުގެ މަޖިލީހަށް އެ މައްސަލައިގައި ތުހުމަތުކުރެވޭ ހަ ދިވެހިން ވެސް ހާޒިރުވެ ތިބި ކަމަށާއި އެ މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށެވެ.
މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު ޖައިކުން ވެއްޓި މަރުވެފައިވާ މިދުޝާހު މަރުގެ މައްސަލަ ސްރީލަންކާގެ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު އެ މައްސަލައިގައި ކޯޓަށް ހުށަހަޅަން ޖޭހޭ މިދުޝާހުގެ ޕޯސްމޯޓަމްގެ ރިޕޯޓްގެ ފައިނަލް ރިޕޯޓް ވަނީ ފުރަތަމަ ބޭއްވި ޝަރީއަތުގެ މަޖިލީހަށް ހުށަނޭޅިފަ އެވެ. އެހެންވެ ދެވަނަ އަޑު އެހުމެއްގައި އެރިޕޯޓް ވެސް ހުށަހެޅުން އޮންނާނެ އެވެ.
މިދުޝާހުގެ މަރުގެ މައްސަލައިގައި ހަ ދިވެހިންގެ އިތުރުން މިދުޝާހުމެން ތިބި އެޕާޓްމަންޓުގައި ތިބި ލަންކާގެ ދެ އަންހެނުން ހަށިވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެވެ. ނަމަވެސް އެ ހަދިވެހިންނާ އެ ދެއަންހެނުން ވެސް ކޯޓުން ދޫކޮށްލީ ކަފާލާތުގެ ދަށުންނެވެ. ކަފާލާތުގެ ގޮތުގައި ހަ ދިވެހިންނަށް ލަންކާގެ 1.5 މިލިއަން ރުޕީސް ދައްކަން ޖެހެ އެވެ.