04 Sep 2012, 13:45
ރާއްޖޭގައި ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް ގާއިމް ކުރެވޭނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ވެސް ބައިވެރިވެގެން ކަމަށް ގަބޫލުކުރާ ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ ( ޑީއާރުޕީ) އިން މިއަދު ބުނެފި އެވެ.
ޑީއާރުޕީގެ އޮފީހުގައި މިއަދު އޮތް ނޫސް ކޮންފަރެންސެއްގައި ޑީއާރުޕީގެ ނައިބު ލީޑަރު އިބުރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ވިދާޅުވީ ހަގީގަތުގައި ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އުފެއްދޭނީ އެމްޑީޕީ ވެސް ބައިވެރިވެގެން ގެން ކަމަށް ގަބޫލުކުރާ ކަމަށާއި އަދި އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް އެމްޑީޕީން މިހާރު ގެންގުޅޭ ސިޔާސަތު އެގޮތުގައި އޮއްވައި ގައުމީ އެއްބައިވަންތަަކަމުގެ ސަރުކާރެއް އުފައްދައިގެން ކުރިއަށް ނުދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި، މިގައުމުގެ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދޭނީ އެމްޑީޕީ ވެސް ބައިވެރިވެގެން ކަން އެއީ އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރާ ކަމެއް. އެކަމަށް އަޅުގަނޑުމެން މަރުހަބާ ވެސް ކިޔަން، އެހެން ނަމަވެސް ވޭތުވެ ދިޔަ ހަ މަސް ދުވަހު މިގައުމަށް ކުރިމަތިވި މައްސަލަތަކާ، އަދި އެމްޑީޕީގެ ސިޔާސަތުތަކުން ގައުމުގެ ރައްޔިތުން އުފުލަން ޖެހުނު ވޭނާއި ބުރައިގެ ސަބަބުން، މިހާރު އެމްޑީޕީން އެގެންގުޅޭ ސިޔާސަތުތައް އޮވެ، ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް މިގައުމުގައި އުފައްދައިގެން ކުރިއަށް ދެވިދާނެ ކަމަށް ޑީއާރުޕީއަކުން ގަބޫލެއް ނުކުރޭ،" ޝަރީފު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އެމްޑީޕީ ބައިވެރި ނުވެ ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އުފެއްދިދާނެ ކަމަށް ވެސް ގަބޫލު ނުކުރެވޭ ކަމަށާއި އެހެންވެ، ކުރިމަތިވެފައި މިވަނީ ވަރަށް ބޮޑު މައްސަލައެއް ކަަމަށާއި އެހެންވީމާ އެމްޑީޕީން ވެސް އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި އެންމެ ހެޔޮ ގޮތުގައި ކަންތައްތައް ކުރެވޭނީ އެމްޑީޕީން އެގޮތަށް މަސައްކަތް ކޮށް، ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދައިގެން ކަމަށެވެ.
"މިގައުމުގައި އެންމެ ހެޔޮ ގޮތުގައި ކަންތައްްތައް ކުރެވޭނީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިދެންނެވި ގޮތަށް އެމްޑީޕީ ރިފޯމްކޮށް، ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމްކޮށްގެން،" ޝަރީފު ވިދާޅުވި އެވެ.
ޝަރީފު އަދި ވިދާޅުވީ ވޭތުވެ ދިޔަ ހަ މަސްދުވަހު، ބޭރުގެ ފިއްތުންތަކުގެ ސަބަބުން ސަރުކާރު އޮތީ ނޭވާ ހޮޅިއަށް އެޅިފައި ކަމަށާއި އެކަން އެގޮތަށް ދިމާވީ މައިގަނޑު ދެކަމެއްގެ ސަބަބުން، ސަރުކާރުގެ ގާނޫނީ ހައިސިއްޔަތާ މެދު ބޭރުގެ ފަރާތްތަކަށް ސުވާލު އުފެދުމުގެ ސަބަބުން ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ރާއްޖޭގެ ތަރައްގީގެ މަސައްކަތްތައްް ވޭތުވެ ދިޔަ ހަ މަސް ދުވަސްތެރޭގައި އޮތީ ހުއްޓުމަކަށް އައިސްފައި މި އޮތީ ރާއްޖޭގައި ގާނޫނީ ސައްހަ ސަރުކާރެއް ނޫން ކަަމަށް ދުނިޔޭގެ ވަރަށް ގިނަ ބަޔަކަށް ގަބޫލުކުރެވިގެން. މިހެން މިކަން ވާން ޖެހުނީ ކީއްވެތޯ، އަދި އެމްޑީޕީގެ ސިޔާސަތު އެހާ ހަރުކަށިކޮށް މިހިސާބަށް އައީ ކީއްވެތޯ މިއީ އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމެއް،" ކުރިން އެމްޑީޕީގައި އިސްކޮށް އުޅުއްވި ޝަރީފު ވިދާޅުވި އެެވެ.
ޝަރީފު ތުހުމަތު ކުރެއްވީ އެކަންތައްތައް އެހެން ދިމާވީ ޕީޕީއެމް (ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް) އިން އެ ޕާޓީއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށް ދައުވާކޮށް، އެ ޕާޓީން ބޭނުންވާ ގޮތަކަށް ރާއްޖޭގެ ސިޔާސީ މަޝްރަހު ބައްޓަން ކުރާނެ ކަަމަށް ބުނަމުން ދިއުމާއި ހަގީގަތާ ހިލާފު ވާހަކަ ދައްކައި، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމާއި ވާދަވެރިންގެ ޝަހުސިއްޔަތު ކަތިލުން ފަދަ ކަންތައްތައް ކުރުމުގެ ސަބަބުން ކަމަށެވެ.
ޑީއާރުޕީގެ ފަރާތުން ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް އެބޭފުޅުންގެ މަގާމާ ގުޅިގެން ލިބެން ޖެހޭ ފުރުސަތުތައް ނުލިބޭ ކަމަށާ ޑީއާރުޕީއަށް ގިނަ ފިއްތުންތަކެއް ކުރިމަތިކުރަމުންދާ ކަމަށް ވެސް ޝަރީފު ތުހުމަތު ކުރެއްވިއެވެ.
ޝަރީފު އެހެން ވިދާޅުވިއަސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ޑީއާރުޕީ އަަށް ވަނީ ފުރުސަތުދީފަ އެވެ. އެގޮތުން އެޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ މިނިސްޓަރުންނާއި މިނިސްޓަރުންގެ ނައިބުންނާއި ސްޓޭޓް މިނިސްޓަރުން ސަރުކާރުގައި އެބަ ތިއްބެވި އެވެ.
ސަރުކާރުގައި އެމްޑީޕީ ބައިވެރި ކުރުމަށް ސަރުކާގައި ރައީސް ވަހީދު ހިމަނުއްވާފައިވާ ޕާޓީތަކުން ދަނީ ދެކޮޅު ހަދަމުންނެވެ.