ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގައި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކުރިމަތިވެފައިވާ ގާނޫނީ ހުރަސްތައް ނައްތާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ޓްރާންސް ޕެރެންސީ މޯލްޑިވްސް އިން އިލްތިމާސްކޮށްފި އެވެ.

އެ ޖަމްއިއްޔާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ ދައުލަތުގެ އިދާރާތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އެންގުމުގެ ބާރު އޭސީސީއަށް ލިބިގެން ނުވާކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވާ ނުކުތާތަކަށް ރިއާޔަތް ކުރައްވައި އޭސީސީއަށް ގާނޫނީ ބާރާއި ހައިސިއްޔަތު އަވަސް މަގުން ހޯދައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކަށް އިލްތިމާސް ކުރާ ކަމަށެވެ.

"ކޮރަޕްޝަންގެ ތުހުމަތުގެ އިނގިލި ދިއްކުރެވޭ މަޝްރޫއުތައް ހުއްޓުވައި އެކަމުގައި ރައްޔިތުންނަށް ފައިދާހުރި ގޮތަށް ކަންކަން ގެންދިޔުމަށް އޭސީސީއަށް ހަރުދަނާ ރަނގަޅު ފިޔަވަޅުތަކެއް އެޅުމުގައި ހުރި ގާނޫނީ ހުރަސްތައް ނައްތާލައި ދެއްވައި، ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާ ގާނޫނީ ނުކުތާތަކަށް ރިއާޔަތް ކުރައްވައި، ދައުލަތުގެ ކޮރަޕްޝަނަށް ފާރަވެރިވާ އެ މުއައްސަސާއަށް ގާނޫނީ ބާރާއި ހައިސިއްޔަތު އަވަސްމަގުން ހޯއްދަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިންނާއި، ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކުގެ ކިބައިން ނުހަނު އިޚުލާސްތެރިކަމާ އެކު އިލްތިމާސް ކުރަމެވެ،" އެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނަނީ ކޮރަޕްޝަންގެ ގިނަ މައްސަލަތަކަކީ ހަރުދަނާ ޕްރޮކިއާމެންޓް ގާނޫނަކާއި އުސޫލުތަކެއް ނެތުމުގެ ސަބަބުން ދިމާވާ ކަންކަން ކަމަށްވާތީ، އެފަދަ ގާނޫނެއް ހެދުމަށް އިސްކަންދޭންޖެހޭ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށް ބަލާއިރު ޚިޔާނާތުގެ ކިތަންމެ ބޮޑު އަމަލެއް ހިންގިނަމަވެސް އެކަމެއް ހުއްޓުވުމުގެ އެއްވެސް ބާރެއް އޭސީސީއަށް ލިބިފައި ނެތްކަމަށާއި ކޮރަޕްޝަންގެ އަމަލެއް ހިންގާއިރު އެފަދަ ކަމެއް ހުއްޓުވޭނެ ގާނޫނީ ބާރު ލިބިފައިވާ އިދާރާއެއް ނެތިއްޖެނަމަ ދައުލަތާއި ރައްޔިތުންނަށް އެތަކެއް ގެއްލުމެއް ލިބިދާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނަނީ ދައުލަތަށާއި ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ވުމަށްޓަކައި ހަރުދަނާ ހެއްކާއެކު ތުހުމަތު ކުރެވޭ މަޝްރޫއުތައް ހުއްޓުވުމުގެ ގާނޫނީ ބާރު އޭސީސީއަށް ދިނުން އަވަސް ކުރަން ޖެހޭކަމަށެވެ.