04 Sep 2012, 13:35
އައްޑޫ ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށްޓަކައި ސަދަން ޔޫތިލިޓީސް އާއި އިނގިރޭސިވިލާތުގެ ބައިވޯޓާ ކުންފުނި ގުޅިގެން ކުރިއަށްގެންދާ ޕުރޮޖެކްޓަށް މިހާރު ގެނެސްފައިވާ ބަދަލުތަކަކީ ސަރުކާރު ބަދަލުވުމާ ގުޅިގެން އައިސްފައިވާ ބަދަލުތަކެއް ނޫން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އެކޯޕަރޭޝަނުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ޕުރޮޖެކްޓަށް މިހާރު އައިސްފައިވާ ބަދަލަކީ އެޕުރޮޖެކްޓަށް ހަރަދު ކުރުމަށް ބައިވޯޓައިން ކަނޑައަލަފައިވާ 27 މިލިއަން ޑޮލަރު އެކުންފުންޏަށް ހަމަޖައްސައި ނުދެވުމުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށެވެ.
"ސަދަން ޔޫޓިލިޓީޒްގެ އޭރުގެ ބޯޑުން އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ނަރުދަމާގެ މަސައްކަތާއި އެސިޓީގެ ހުރިހާ ރަށްތަކުގައި ބެހުއްޓުމަށް ކަނޑައެޅިފައިވާ ސިވޭޖް ޓުރީޓްމަންޓް ޕުލާންޓްތަކުގެ އިތުރުން ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް ވެސް އުނިކުރުމަށް ފަހު ހަމައެކަނި އައްޑޫ ސިޓީގެ ފެނުގެ މަސައްކަތް ހިމަނައިގެން އެމަޝްރުއޫ ކުރިއަށް ގެންދިއުމަށް ޓަކައި ޖެނުއަރީ 2012 ގައި ނިންމާފައިވާ ނިންމުމެކެވެ." އެބަޔާނުގައިވެ އެވެ.
އަދި ބުނެފައި ވަނީ އެ ނިންމުމާ ގުޅިގެން އެ ޕުރޮޖެކްޓް ކުރިއަށް ގެންދިއުމަށް މިހާތަނަށް ހަރަދުކޮށްފައި ވަނީ ސަރުކާރުގެ ބަޖެޓުން އެ ޕުރޮޖެކްޓަށް ކަނޑައަޅަފައިވާ 15 މިލިއަން ޑޮލަރު ކަމަށާއި މިހާރު އިތުރަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެބަޔާނުގައި ބުނެފައި ވަނީ ފެނަކަ ކޯޕަރޭޝަން އުފެދިގެން އައްޑޫގެ ސިޓީގެ ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ބެލިއިރު ސަދަން ޔޫޓިލިޓީޒްގެ ކުރީގެ މެނޭޖްމެންޓުން އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ޕުރޮޖެކްޓްތައް ހިންގާ ހަމަތަކާ ހިލާފަށް ކަމަށާއި އަދި އެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ވަނީ އެންވަޔަރުމަންޓަލް ޕުރޮޓެކްޝަން އެޖެންސީ(އީޕީއޭ) އިން ކަނޑައަޅަފައިވާ އުސޫލުތަކާ ވެސް ހިލާފަށް ކަމަށެވެ. އަދި ބުނީ މިހާރު އެ މައްސަލަތައް ހައްލުކުރުމަށް ފަހު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ބުނެފައި ވަނީ ލަންކާގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީގެ ރަށްތަކުގައި މިހާރު ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫއަށް އެއްވެސް ހުރަހެއް ސަދަން ޔޫޓިލިޓީސްގެ ފަރާތުން ހިންގާ ފެންހޮޅި ވަލުލުމުގެ މަސައްކަތުގެ ސަބަބުން ދިމާނުވާ ކަމަށެވެ.
ފެނަކަ ކުންފުނިން ބުނީ ސަރުކާރު ބަދަލުވުމުގެ ކުރިން އެ މަޝްރޫއު އިން ފުވައްމުލަކު ވަކިކޮށްފައިވާ ކަމަށާއި އޭރު ފުވައްމުލަކު ވަކިކޮށްފައި ވަނީ ބައިވޯޓާ ކުންފުނިން އެއްބަސްވި ގޮތަށް ފައިސާ ނުދެކުމުން ކަމަށެވެ.