04 Sep 2012, 10:55
އެމްޑީޕީގެ އެއްވެސް އިހުލާސްތެރިކަމެއް ހުރިނަމަ ފުރަތަމަ ކުރަންވީ ކަމަކީ މަގުމަތީގެ ހަމަނުޖެހުން ހިންގައި ރައްޔިތުނަށް ދުއްތުރާ ކުރުން ހުއްޓާލުން ކަމަށް އަދާލަތު ޕާޓިން ބުނެފި އެވެ.
އަދާލަތު ޕާޓިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސަލާމަތީ ބާރުތަކާއި ސަރުކާރުގެ އިސްވެރިންނާއި ނިސްބަތްކޮށް "ބާޣީ" އޭ ގޮވަމުންދާ ބަޔަކު ސަރުކާރުގައި ބައިވެރިވާން އުޅުމުގެ ބޭނުމަކީ ސަރުކާރުގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުން ކަމަށް އެޕާޓީން ދެކޭ ކަމަށާއި އެހެންކަމުން އެމްޑީޕީ ސަރުކާރުގައި ބައިވެރި ނުކުރުމަށް ރައީސް ވަހީދު ނިންމި ނިންމުނަށް އެޕާޓީން ތާއީދު ކުރާ ކަމަށެވެ.
"ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސް ޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށްފަހު އުފެއްދެވި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގައި ބައިވެރިވުމުގެ ފުރުސަތު އެމްޑީޕީއަށް ވެސް ވަނީ ދެއްވާފަ އެވެ. އަދި މިކަމަށް އެކަށީގެންވާ މުހުލަތެއް ވެސް އެޕާޓީއަށް ދެއްވިއެވެ. ނަމަވެސް އެމްޑީޕީން ވަނީ ޑރ. މުހައްމަދު ވަހީދުގެ ސަރުކާރަކީ ބަޣާވާތަކުން ގެނައި ސަރުކާރެއްކަމުގައި ބުނެ ބޮޑާ ކަމާއެކު އެ ހުށައެޅުން ރައްދުކޮށްފަ އެވެ. އަދާލަތު ޕާޓީގެ އެބަޔާނުގައި ވެއެވެ."
ވޭތުވެދިޔަ މަސް ދުވަހު ދިވެހި ރާއްޖޭގެ ގާނޫނީ ސަރުކާރާއި ދިވެހި ރައްޔިތުންނާއި އަދި ދިވެހި ރާއްޖޭގެ އިގްތިސާދު ވަނީ އެމްޑީޕީ އިން ކެނޑިނޭޅި ކުރިމަތި ކުރަމުން އައި ބޮޑެތި ދުއްތުރާތައް ތަހައްމަލު ކުރަންޖެހިފަ އެވެ. ކޯނީ ގެ ތަހުގީގުން އެމްޑީޕީ އިން ކުރަމުން އައި ތުހުމަތުތަކުގެ ދޮގުކަން ފާޅުވެ ބައިނަލްއަގްވާމީ މުޖުތަމައުގައި އަގުވެއްޓި، ބޭޒާރުވެ، ގޮތް ހުސްވުމަށްފަހު ބާޣީ ސަރުކާރެއް ކަމުގައި ގޮވަމުން އަންނަ ސަރުކާރުގައި ބައިވެރިވުމަށް ހުށައެޅުމަކީ ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އެކިއެކި ޖަރީމާތައް ހިންގައިފާ އެމްޑީޕީގެ އިސް މީހުނަށާއި އަށެއް ފެބުރުއަރީގައި ގައުމުގައި ހުޅުޖެހި މީހުންގެ މައްޗަށް ޝަރީއަތް ހިންގުމަށް ހުރަސްއެޅުމަށް ވެސް އެމްޑީޕީން މަސައްކަތް ކުރަމުން ދާ ކަމަށާއި އެކަމަކީ އެޕާޓީން ގަބޫލު ކުރާނެކަމެއް ނޫން ކަމަށް ވެސް ވެއެވެ.