ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަހީދު ހަސަން މަނިކު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޗައިނާގެ ޒިންޖިއަން ޕްރޮވިންސްގެ ތިމާވެއްޓާ ރައްޓެހި އިޢާދަކުރަނިވި ހަކަތައާ ބެހޭ ޞިނާޢީ ސަރަޙައްދު ބައްލަވާލައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިއްޔެ ހެނދުނުގެ ވަގުތެއްގައި ފުރަތަމަ ވަޑައިގެންނެވީ، އުރުމްގީ އިންޑަސްޓްރިއަލް އެންޑް ޓެކްނިކަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މަރުކަޒު ބައްލަވާލެއްވުމަށެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، އުރުމްގީ އިންޑަސްޓްރިއަލް އެންޑް ޓެކްނިކަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މަރުކަޒަށް ވަޑައިގެންނެވުމުން، އެތަނުގެ ވެރިންނާއި މުވައްޒަފުން ވަނީ އެ ދެކަނބަލުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވި ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އުރުމްގީ ސަރަޙައްދު ތަރައްޤީކުރުމުގެ ތްރީޑީ ޕްރެސެންޓޭޝަނެއް ވަނީ އަރުވައިފައި ކަމަށެވެ. މީގެއިތުރުން، އެ ސަރަޙައްދުގައި މިހާރު އުފައްދާ ތަފާތު ބާވަތްތަކުގެ އުފެއްދުންތައް ވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލެއްވި ކަމަށެވެ.

އެއަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ، ގޯލްޑް ވިންޑްގެ ނަމުން ނަންދެވިފައިވާ ވައިން ހަކަތަ އުފައްދާ ފަންކާ ތައްޔާރުކުރާ ފެކްޓަރީއެއް ބައްލަވާލެއްވުމަށެވެ. ގޯލްޑްވިންޑް ފެކްޓަރީން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވީ، ކުންފުނީގެ ވެރިންނާއި އެންމެހާ މުވަޒަފުންނެވެ. ގޯލްޑް ވިންޑް ފެކްޓަރީއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން، އެ ކުންފުނީގެ ވެރިން ވަނީ ވައިން ހަކަތަ އުފައްދާ ގޮތް ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ތަފްޞީލުކޮށް އަރުވައި، ދުނިޔޭގައި މިހާރު ބޭނުންކުރެވޭ އެންމެ ބޮޑެތި ހަކަތަ އުފައްދާ ފަންކާ ރައީސުލްޖުމްހޫރިއްޔާއަށް ދައްކަވާލައްވާފަ އެވެ. މިއީ، ތިނެއް މެގާ ވޮޓްގެ ކަރަންޓު އުފެއްދުމުގެ ޤާބިލްކަން ލިބިފައިވާ، ގާތްގަނޑަކަށް 200 މެޓްރިކް ޓަނުގެ ބުރަދަން ހުރި ފަންކާއެކެވެ.