ލަންޑަން (ސެޕްޓެމްބަރ 4): އީރާނުގެ ނިއުކްލިޔާ ބައްޕައަކީ އެޤައުމުގެ އާދަޔާ ޚިލާފު ސިކުނޑިއެއްގެ ވެރި ކުޅަދާނަ ނިއުކްލިޔާ ސައެންޓިސްޓް މުޙްސިން ފަޚްރީ ޒާދާ ކަމަށާ އޭނާގެ ވެރިކަމުގެ ދަށުން ނިއުކްލިޔާ ވޯހެޑެއް ތައްޔާރުކުރުމުގެ މަސައްކަތް ސިއްރިޔާތުގައި އީރާނުން ކުރަމުންގެންދާ ކަމަށް ބައެއް ސިއްރު މަޢްލޫމާތުތަކާ ޙަވާލާދީ ލަންޑަންގައި ނުކުންނަ "ޓައިމްސް" ނޫސް ބުނެފި އެވެ.

މިނޫސް ބުނާ ގޮތުން އީރާނުގެ ނިއުކްލިޔާ ބައްޕަގެ ނަމުން ނަންދެވިފައިވާ އުމުރުން 52 އަހަރުގެ ނިއުކްލިޔާ ސައެންޓިސްޓް މުޙްސިން ފަޚްރީ ޒާދާ އަވަހާރަކޮށްލުމަށް އިސްރާއީލުން ރާވަމުންގެންދާކަން އީރާނަށް އެނގުމާ އެކު އޭނާ ދިރިއުޅުއް ވަނީ އީރާނުގެ އެންމެ ބާރުގަދަ ޢަސްކަރީ ލަޝްކަރުކަމަށްވާ އިންޤިލާބީ ލަޝްކަރުތަކުގެ ޙިމާޔަތުގަ އެވެ. އިންޤިލާބީ ލަޝްކަރުތަކުގެ ޙިމާޔަތުގައި މުޙްސިން އުޅުއްވުމުގެ ސަބަބުން ފާއިތުވި ހައެއްކަ އަހަރު އީރާނުގެ ޢާންމު އެއްވެސް ތަނަކުން އޭނާ ފެނިފައިނުވާ ކަމަށާ ނަމަވެސް މިފަހަކަށް އައިސް އީރާނުގެ ނިއުކްލިޔާ ސައެންސްވެރިންގެ ޓީމަކާ އެކު އެޤައުމުގެ ނިއުކްލިޔާ މަރުކަޒަކުން މުހްސިން ފެނިފައިވާ ކަމަށް މިނޫސް ބުނެއެވެ.

ޔޫރަޕްގައި ހަރަކާތްތެރިވާ އީރާނުގެ އިދިކޮޅު ބައެއް ފަރާތްތަކާ ޙަވާލާދީ މިނޫސް ބުނާ ގޮތުން މުޙްސިން ގެންދަވަނީ އީރާނުގެ ނިއުކްލިޔާ ސައެންސްވެރިންގެ ޓީމަކާއެކު ނިއުކްލިޔާ ވޯހެޑެއް ތައްޔާރުކުރުމުގެ މަސައްކަތްތަކެއް ސިއްރިޔާތުގައި ކުރަމުންނެވެ. މި ވޯހެޑް ހަރުކުރުމަށް ރާވާފައި ވަނީ އީރާނުން އުފައްދާ ރޮކެޓްތަކުގެ ތެރެއިން ރޮކެޓެއްގައި ކަމަށާއި މިއީ ނިއުކްލިޔާ އައްޑަނައެއް ބިނާކުރުމަށް އީރާނުން ސިއްރިޔާތުގައި ކުރަމުންގެންދާ މަސައްކަތްތަކެއް ކަމަށް ވެސް އީރާނުގެ އިދިކޮޅު ބައެއް ފަރާތްތަކާ ޙަވާލާދީ "ޓައިމްސް" ބުނެ އެވެ. ނަމަވެސް މިއީ ތެދެއްކަން ހާމަވެފައެއްނުވެ އެވެ.

ސައްދާމްގެ ދުވަސްވަރު ޢިރާޤުން ފަނާކުރަނިވި ހަތިޔާރު އުފައްދާކަމުގެ މަޢްލުމާތު ވެސް އެންމެ ބޮޑަށް ފަތުރާފައި ވަނީ ހުޅަނގުގައި ޙަރަކާތްތެރިވާ އެޤައުމުގެ އިދިކޮޅު ފަރާތްތަކުންނެވެ. ނަމަވެސް މިމަޢްލޫމާތުގެ ދޮގުކަން ފަހުންވަނީ ހާމަވެފަ އެވެ. އިސްރާއީލުން ގެންދަނީ އީރާނުގެ ނިއުކްލިޔާ ސައެންޓިސްޓުން މެރުމުގެ ޓެރަރިސްޓް ޙަރަކާތްތަކެއް ހިންގަމުން ކަމަށް އީރާނުން ތުހުމަތުކުރެ އެވެ. އަދި ޓެރަރިސްޓް ޙަރަކާތްތަކުގައި އެމެރިކާ އާއި އިނގިރޭސިވިލާތް ބައިވެރިވާ ކަމަށް ވެސް އީރާނުން ބުނެ އެވެ.

ފާއިތުވި ފަސް އަހަރު ތެރޭގައި އީރާނުގެ ނިއުކްލިޔާ ސައެންޓިސްޓުންގެ ފަަސް މީހަކު މަރާލާފައިވާ އިރު މިކަމުގެ ފަހަތުގައިވާ ކަމަށް ބެލެވިފައި ވަނީ އިސްރާއީލެވެ. އީރާނުން މިހާރު އެޤައުމުގެ ނިއުކްލިޔާ ސައެންޓިސްޓުންނާއި އިންޖިރޭނުން ނަށް އާދަޔާ ޚިލާފަށް ޙިމާޔަތް ދޭކަމަށް ރިޕޯޓްތައް ބުނެ އެވެ. (ޓައިމްސް)