ދިމިޝްޤު (ސެޕްޓެމްބަރ 4): ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގާ ކުށެއްނެތް އާންމުންގެ ގިނަ ބަޔަކު ފަނާވަމުންދާ ކަމަށާއި މިހަނގުރާމައިގާ މިހާތަނަށް މަރުވި މީހުންގެ ޢަދަދު ބައިލައްކައަށް ވުރެ ގިނަވާނެ ކަމަށް ސޫރިޔާގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރަންސޭސި ޑޮކްޓަރުންގެ ޖަމާއަތެއްކަމަށްވާ "ޑޮކްޓާސް ވިތްއައުޓް ބޯޑާސް" އިން ބުނެފި އެވެ.

މިޖަމާއަތުގެ ތައްސީސީ މެންބަރެއް ކަމަށްވާ ޑރ. ޖެކް ޕެރޭޒް ވިދާޅުވީ ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގާ ކުށެއްނެތް އާންމުންގެ ގިނަ ބަޔަކު ފަނާވަމުންދާތަން ކޮންމެ ދުވަހަކު އޭނާގެ ލޮލަށް ފެންނަމުންދާ ކަމަށާއި މިއީ ވަރަށް ހިތާމަވެރި އަދި ހިތަށް ވޭންލިބޭ މަންޒަރެއް ކަމުގަ އެވެ. ސޫރިޔާގެ ޙަލަބްގެ ހޮސްޕިޓަލެއްގައި ހިލޭސާބަހަށް މަސައްކަތްކުރައްވާ ޖެކް ވިދާޅުވީ ސޫރިޔާގައި މަރުވަމުންދާ މީހުންގެ ޙަޤީޤީ އަދަދު ބައިނަލްއަޤްވާމީ މުޖްތަމަޢަށް ވެސް އަދި ސޫރިޔާގެ ޖަމާއަތްތަކަށް ވެސް ނޭންގޭ ކަމަށާއި އޭނާގެ ކުރިމަތީގައި ކޮންމެ ދުވަހަކު މަރުވާ މީހުންގެ ޢަދަދަށް ބަލާލި ނަމަވެސް މިހަނގުރާމައިގާ މިހާތަނަށް ސޫރިޔާގެ ބައިލައްކައެއްހާ މީހުން މަރުވެފައިވާނެ ކަމީ ކަށަވަރު ކަމެއް ކަމުގަ އެވެ.
ސޫރިޔާގައި ކޮންމެ ދުވަހަކު މަރުވަމުންދާ މީހުންގެ އަދަދު ހާމަކުރަމުންދާ މައިގަނޑު ފަރާތަކީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އެޤައުމުގެ ޖަމާއަތެއްކަމަށްވާ "ދަ ސީރިޔަން ނެޓްވާކް ފޯ ހިޔުމަން ރައިޓްސް"އެވެ. މިޖަމާއަތުން ލަފާކޮށްފައިވާ ގޮތުން ސޫރިޔާގެ އަހްލީ ހަނގުރާމައިގާ 2011 ގެ މާޗް މަހުން ފެށިގެން މިހާތަނަށް މަރުވެފައި ވަނީ ގާތްގަނޑަކަށް 26 ހާސް މީހުންނެވެ. ނަމަވެސް މިޢަދަދު 50 ހާހަށް އަރާނެ ކަމަށް ފަރަންސޭސި ޑޮކްޓަރު ޖެކް ޕެރޭޒް ވިދާޅުވި އެވެ.

ޕެރޭޒަކީ ވިއެޓްނާމް ހަނގުރާމައިގެ ދުވަސްވަރުން ފެށިގެން އެކިޤައުމުގައި ހިނގަމުންދާ ހަނގުރާމަތަކުގެ މައިދާންތަކުގައި އިންސާނީ ޚިދްމަތުގައި ޙަރަކާތްތެރިވާ ތަޖްރިބާކާރު ޑޮކްޓަރެކެވެ. އޭނާ ވަނީ ގައްޒާފީގެ ވެރިކަމާ ދެކޮޅަށް ލީބިޔާގައި މިދިޔަ އަހަރު ހަނގުރާމަ ހިނގި ސަރަޙައްދުތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ. ޖެކް ވިދާޅުވީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދަށް ވަފާތެރި ސިފައިންގެ ޙަމަލާތަކުގައި ގިނައިން މީހުން މަރުވަނީ އެމީހުން ބޮންއަޅާ މަތިންދާބޯޓާއި ޓޭކްކާއި ބޮޑުބަޑިއާއި ރޮކެޓް ފަދަ ބަރުހަތިޔާރު ބޭނުންކުރާތީ އެވެ. މިހަތިޔާރުތަކުގެ ކުރިމަތީގައި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ބޭނުންކުރަނީ ބަޑިއާއި އެނޫން އާދައިގެ ހަތިޔާރު ކަމަށްވެސް ޖެކް ވިދާޅުވި އެވެ.

"ޑޮކްޓާސް ވިތްއައުޓް ބޯޑާސް"ގެ އެހެން މަސްއޫލުވެރިއަކު ވެސް ވަނީސޫރިޔާގެ ހަނގުރާމައިގާ މިހާތަނަށް މަރުވި މީހުންގެ ޢަދަދު ބައިލައްކައަށް ވުރެ ގިނަ ވާނެކަމަށް ލަފާކުރައްވައި ވާހަކަ ދައްކަވާފަ އެވެ. (ނޫސްއެޖެންސީތައް)