03 Sep 2012, 22:00
ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް ޓަކައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަލީހު ޖަމާލް މިއަދު ވިދާޅުވީ ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ގޮތުން 12 ގައުމެއްގައި ބޮޑެތި ހަރަކާތްތަކެއް ވަރަށް ފުޅާދާއިރާއެއްގައި ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
"މިހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ދިވެހި ރާއްޖެ އަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމުތަކާއި އަލަށް ތައާރަފްވަމުން އަންނަ ގައުމުތައް ވެސް ހިމެނޭ. އޭގެ ތެރޭގައި ފުރާންސް، ޖަޕާން، އިޓަލީ، އިނގިރޭސިވީލާތް، އެމެރިކާ، ޗައިނާ، އޭގެއިތުރުން އިންޑީއާ ޗެކުރިޕަބްލިކް ވެސް ހިމެނޭ،"
އަދި ވިދާޅުވީ އަށް ގައުމެއްގައި ބާއްވާ ޓުރެވްލް ފެއާތަކުގައި ބައިވެރިވުމުގެ އިތުރުން ހަ ގައުމެއްގެ ބޮޑުތި ސިޓީތަކުގައި ރާއްޖޭގެ ރޯޑް ޝޯތަކެއް ކުރިއަށްގެންދިއުމުގެ އިތުރުން ދުނިޔޭގެ ފަސް ގައުމަކުން 40 އަށް ވުރެ ގިނަ ނޫސްވެރިން ރާއްޖެ އައިސް ރާއްޖެއާ ބެހޭ ގޮތުން އާޓިކަލްތައް ލިޔުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މަލީހް ވިދާޅުވީ މިއީ މިހާރު ކުރެވޭ އިޝްތިހާރުތަކުގެ އިތުރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތްތަކެއް ކަމަށާއި މިދުވަސްވަރުގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމީ ކުރިއަށް އޮތީ ހައިސީޒަން ކަމަށް ވުމުން ރާއްޖެ އަށް ގިނަ އަދަދެއްގެ ފަތުރުވެރިން ގެނައުމުގެ ބޭނުމުގައި ކަމަށެވެ.